ބައްޕަ ބަޣާވާތުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށާއި، މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގަތުމުން ލިބިލެއްވީ ބޮޑު ސަޕްރައިޒް އެއް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަންހެން ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.

މީރާ ވިދާޅުވީ، ދެން އޭނާގެ ބައްޕަ، ރައީސް ނަޝީދާއި، މަޖިލީސް ނައިބު ރައީސް ކަމަށް އެމްޑީޕީން ހުށަހަޅަން ނިންމާފައިވާ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާ ބަހުސް ކުރައްވާ މަންޒަރު މަޖިލިސް ތެރެއިން ނުފެންނާނެ ކަމީ ދެރަ ކަމެއް ކަމަށެވެ. ނަމަވެސް، ދެން ޔަގީނުންވެސް އޭނާގެ ބައްޕަ ބަޣާވާތެއް ނުހިންގަވާނެ ކަމަށެވެ.

ޓްވިޓާގެ ޒަރިއްޔާއިން ހިޔާލު ފާޅު ކުރައްވަމުން މީރާ ވިދާޅުވީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމި ނިންމުމަށް ވިދާޅުވާނެ އެއްޗެއް ހުންނެވީ އެނގިވަޑައިނުގެން ކަމަށެވެ. އަދި މި ކަމުން މޮޅު ލިބުނު އެއްވެސް ފަރާތެއް ފެނިވަޑައިނުގަންނަ ކަމަށާއި، ފެނިވަޑައިގަތީ ޒިންމާދާރު ވާން ޖެހޭ ބަޔަކަށް ލިބުނު ދެރައެއް ކަމަށެވެ.

މަޖިލިސް ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާ ނަމެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސްގެ ގޮތުގައި އީވާ ހަމަޖެއްސުމާއި ގުޅިގެން، އެތައް ބަޔަކު ދަނީ މި ދެ މެންބަރުންނަށް ތަހުނިޔާ ކިޔަމުންނެވެ. އެގޮތުން، ސޯޝަލް މީޑީއާގެ ޒަރިއްޔާއިން ތަހުނިޔާ ފޮނުވި ފަރާތްތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނެއެވެ.

ތަހުނިޔާ އަރިސް ކުރައްވަމުން، ރައީސް ސޯލިހް ވިދާޅުވީ، ކުރިއަށް އޮތް މަޖިލީހުގެ އެއްބާރުލުމާ އެކު މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށެވެ. ރައީށް ސޯލިހްގެ އިތުރުން ތަހުނިޔާ އަރިސް ކުރި ފަރާތްތަކުގެ ތެރޭގައި، ނައިބު ރައީސް ފައިސަލް ނަސީމް، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް، އެންވަޔަރަމަންޓް މިނިސްޓްރު ހުސެއިން ރަޝީދު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ވެސް ހިމެނެއެވެ.

https://www.facebook.com/fazu.ahmed.1/posts/10156271899101709

ގިނަ ބައެއްގެ ތައުރީފް ރައީސް ނަޝީދަށާއި އީވާއަށް އޮހެމުން ދާއިރު، ފާޑުކިއުންތައްވެސް ދަނީ މި ދެ މެންބަރުންނަށް އަމާޒު ވަމުންނެވެ. އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ "ވަޓް އަ ސާކަސް" ޖައްސަވާ ސްޓޭޓަސްއެއް އަޕްލޯޑް ކުރައްވާފައެވެ. ފަސްޓް ލޭޑީގެ މި ސްޓޭޓަސް އަކީ އެމްޑީޕީގެ ތެރޭގައި ހިނގި ހިތްހަމަ ނުޖެހުންތަކުގެ ހައްލެއްގެ ގޮތުގައި އެ ޕާޓީގެ ފަރާތުން މަޖިލީހުގެ ރައީސްއަކަށް ހުށަހަޅާ ނަމެއްގެ ގޮތުގައި ރައީސް ނަޝީދު ހަމަޖެއްސުމާއި ގުޅިގެން ލިޔުއްވާފައިވާ ސްޓޭޓަސްއެއް ކަމަށް ބެލެވެއެވެ.

މަޖިލިސް ރައީސް ކަމަށް ގެންނާނެ ބޭފުޅަކާމެދު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވެ ބޮޑު ކޯޅުން ގަނޑެއް ހިނގާފައި ވާއިރު އެ މަގާމަށް ގެނައުމަށް ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ނަން ހުށަހެޅުއްވީ، އަސްލަމާއި އަފީފްގެ މަޝްވަރާގެ މަތިން އެ ދެ މެންބަރުންނަށް ފެނި ވަޑައިގަތް އެންމެ ރަނގަޅު ހައްލެއްގެ ގޮތުގައެވެ.