މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަނޑައަޅަން އެމްޑީޕީން ނިންމައިފިއެވެ.

މިރޭ ދަރުބާރުގެގައި އެމްޑީޕީން ބޭއްވި ބައްދަލު ވުމުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެޕާޓީގެ ފަރާތުން ކަނޑައަޅާނެ މެންބަރަކު ހޮވުމަށް ބެއްވި ވޯޓުލުމުގައި އެ ޕާޓީން ނިންމީ މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު އަދި ނައިބު ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހޮވުމަށެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި އަސްލަމްގެ ނަން އީވާ ހުށަހަޅުއްވާފައި ވަނިކޮށް، އަސްލަމް ވަނީ އޭނާއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ރައީސް ނަޝީދުގެ ނަން ހުށަހަޅުއްވާފައެވެ. އަސްލަމްގެ މި ހުށަހެޅުއްވުމަށް ދެން އެޕާޓީން މަޖިލީހުގެ ރައީސް ކަމަށް ކެމްޕޭނު ކުރައްވަމުން ގެންދެވި އަފީފް ވަނީ ތާއީދު ކުރައްވާފައެވެ. މި ދެ މެންބަރުންގެ މި ނިންމުމަކީ، ޕާޓީ ތެރޭގައި އުފެދޭނެ ހިތްހަމަނުޖެހުން ތަކުން ދުރުވުމަށް ދެ މެންބަރުންގެ މަޝްވަރާގެ މަތިން ނިންމަވާފައިވާ ނިންމެވުމެކެވެ.

މަޖިލިސް އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން ބޭއްވި އެއްވުމުގައި ރައީސް ސޯލިހު (ކ) އަދި ރައީސް ނަޝީދު (ވ) / ފައިލް ފޮޓޯ: ޙުސައިން މަޙްތޫމް | ދަޕްރެސް

އަސްލަމާއި އަފީފް ރައީސް ނަޝީދުގެ ނަން ހުށަހެޅުއްވުމާ އެކު، މަޖިލިސް ރައީސް ކަމަށް، އެއްބަސްވެ ވަޑައިގަތުމުގެ ކުރިން ރައީސް ނަޝީދު ވަނީ ކުރު ފޯން ކޯލެއް ކުރައްވާފައެވެ. ފޯނު ކުރެއްވީ ކޮން ބޭފުޅަކަށް ކަން ހާމަ ކުރައްވާފައި ނުވިއަސް ރައީސް ނަޝީދު ވިދާޅުވީ، އެއީ އަމިއްލަ ފޯން ކޯލެއް ކަމަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވި ފޯން ކޯލެއް ކަމަށް ބެލެވޭއިރު، ރައީސް ނަޝީދު ވަނީ، އެއްވެސް ނިންމުމެއް ރައީސް ސޯލިހާއި މަޝްވަރާ ނުކުރައްވާ ނުނިންމަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުމަށް ފަހު ސަޕޯޓަރުންނާ ބައްދަލު ކުރި ފުރަތަމަ ފަހަރު / ފައިލް ފޮޓޯ: ޓްވިޓާ

މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ނަން އިމްތިޔާޒް ފަހުމީ ހުށަހެޅުއްވުމާ އެކު ހުރިހާ މެންބަރުންގެ ވޯޓުން، އެމްޑީޕީގެ ފަރާތުން ނައިބު ރައީސް ކަމަށް ހުށަހަޅާ މެންބަރެއްގެ ގޮތުގައި އީވާ ވަނީ ހަމަޖައްސާފައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ / ފޮޓޯ: ދަޕްރެސް

މަޖިލިސް ރައީސް ކަމަށް ގެންނާނެ ބޭފުޅަކާމެދު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވެ ބޮޑު ކޯޅުން ގަނޑެއް ހިނގާފައި ވާއިރު އެ މަގާމަށް ގެނައުމަށް ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއެވެ.

އަސްލަމާއި، އަފީފް އަދި ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: ޓްވިޓާ

ވަޑައިގެންނެވި ހުރިހާ މެންބަރުންގެ ވޯޓާ އެކު ރައީސް އަދި ނައިބު ރައީސް ކަނޑައެޅި އިރު، ތިން މެންބަރަކު މި ބައްދަލު ވުމުގައި ބައިވެރިވެ ވަޑައި ނުގަންނަވައެވެ.