ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ގާސިމް އިބްރާހިމް ހުންނަވައިގެން މަޖިލީސް އިދާރާއަށް އިންގިލާބީ ބަދަލްތަކެއް ގެންނަވާފައި ވާކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ރޭ މަޖިލީސް އިދާރާގައި ބޭއްވި އިދާރީ ބައްދަލު ވުމަކަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ސްޓޭޓަސް އެއްގައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ މަޖިލީސް އިދާރާއަށް ގާސިމް ގެނެސް ދެއްވާފައިވާ ބަދަލުތަކުގެ ތެރޭގައި ކޮންފަރެސް ސިސްޓަމް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އާ ކުރެއްވުމާއި، މަޖިލީހުގެ އާ ވެބްސައިޓެއް ގާއިމް ކުރެއްވުމާއި މަޖިލީހުގެ އިންޓީރިއާ ޑިޒައިން ބަދަލުކުރެއްވުން އަދި މަޖިލީސް އިދާރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މަގާމު މަތި ކުރެއްވުމާއި، މަޖިލީސް އިދާރާ އަކީ ރަނގަޅު މަސަތަކަތުގެ މާހައުލަކަށް ހެއްދެވުމުގެ އިތުރުން ރައްޔިތުން މަޖިލީހުގައި ކުރެވިފައިވާ މަސަތްކަތްތަކާ ގުޅޭ ފޮތެއް އެކުލަވައިލެއްވުމަކީ ފާހަގަކޮށްލެވޭ ކަންކަން ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މިފެށޭ 28 ވަނަ ދައުރުގެ ރައީސަކު ހޮވުމަށް 68 ގޮނޑިއާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ގައި އޮތް ވެރިކަން ކުރާ އެމްޑީޕީން އެޕާޓީގެ އެތެރޭގެ ވޯޓުލުން މިރޭ ބާއްވާނެއެވެ.