ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ދެ މައްސަލައެއް ފެންމަތި ވެއްޖެއެވެ. ފުލުހުން ބުނީ ފުލުހުންގެ ވަޒީފާގައި ހުރި މީހަކު ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ދެ ބުރަކަށް ހުށަހެޅި ބަލަމުން ދާ ކަމަށެވެ. އޭގެތެރެއިން އެއް މައްސަލަ ހުށަހެޅުނީ ހުސްވި އަހަރުގެ އޮކްޓޯބަރު 18 ގައެވެ. އެ މައްސަލަ ހުށަހެޅުމުން ތަހުގީގު ކުރި އިތު އެކަށީގެންވާ ހެކި ނެތުމުން ކުރިއަށް ދެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ދެވަނަ މައްސަލަ ހުށަހެޅުނީ ހުސްވި މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިމައްސަލަ ހުށަހެޅުނު އިރު ފުލުސް މީހާ ވަނީ ނޯޕޭ ލީވެއްގައި ކިޔެވުމަށް ރާއްޖެއިން ބޭރަށް ގޮހެވެ. އަދި މިއަދާ ހަމައަށްވެސް އޭނާ ރާއްޖެ އައިސްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓާއި ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން މިމައްސަލަ ބަލަމުން ދާއިރު ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ފެބްރުއަރީ 28 ގައި ހުށަހެޅިފައި އޮތުމުން ބަލަމުން ދާ ކަމަށެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ޖިންސީ ޝިކާރައަކަށް ވި ދެ ކުދިން މިހާރު ދިރިއުޅެމުން ދަނީ އެކުދިންގެ މަންމައާ އެކު ރާއްޖޭގައެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބޭ މައްސަލަތައް އިތުރުވަމުން ދާ އިރު އިއްޔެ ވަނީ ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ އަނިޔާ ކުރި މައްސަލައަކާ ގުޅިގެން ހުޅުމާލެއިން މީހަކު ހައްޔަރު ކޮށްފައެވެ.