ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނަ ގައިދީންނަށް ހާއްސަ ކުތުބްހާނާއަށް 33 ފޮތް މިއަދު ހަދިޔާ ކުރައްވައިފިއެވެ.

މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަފާތު 7 ނަމެއްގައި ނެރެފައިވާ 33 ފޮތް ހަދިޔާކޮށްފައިވާ އިރު އޭގެތެރެއިން ފަސް ނަމެއްގައި ލިޔުއްވާފައިވާ ފޮތްތަކަކީ އެމަނިކުފާނު އަމިއްލަފުޅަށް ލިޔުއްވާފައިވާ ފޮތްތަކެއް ކަމަށެވެ. އެފޮތްތައް ޖަލުގެ ކުތުބްހާނާއަށް ހަދިޔާކުރެވުމުން އެކަމާ އުފާފުޅުކުރައްވާ ކަމަށާއި އެފަދަ ފުރުސަތެއް މަގުފަހިކޮށްދިނީތީ ހޯމް މިނިސްޓާ އިމްރާން އަބްދުﷲ އަށް އެމަނިކުފާން ޝުކުރު އަދާ ކުރެއްވިއެވެ.

މައުމޫން ވިދާޅުވީ، އެންމެން އެކަތިގަނޑެއްހެން މަސައްކަތް ކުރައްވައިގެން ޖަލުތަކުގެ ހާލަތު ކުރިއަށް ވުރެ ރަނގަޅު ކުރުމަށާއި، ގައިދީން ރިހެބިލިޓޭޓް ކުރުމަށް އެހީތެރިވެދިނުމަށް މަސައްކަތް ކުރެއްވުމުން އެ ގައިދީން އެނބުރި މުޖުތަމައުއަށް ނުކުންނަން އިރު މުޖުތަމައުއަށް ފައިދާ ހުރި ބަޔަކަށް ހެދިދާނެ ކަމަށެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު މިނިސްޓާ އިމްރާން ވަނީ ޖަލުތަކަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފައްޓަވައި ދެއްވާފައެވެ. މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން އިމްރާން ވަނީ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރައްވާފައެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޖަލުތަކުގައި ތިބޭ ގައިދީންގެ ވިސްނުމާ ފިކުރު ބަދަލު ކުރުމަށް ފޮތްތެރި ބަޔަކަށް އެމީހުން ހެދުމަކީ މުހިންމު ކަމެއް ކަމަށާއި، މިކަމަށްޓަކާ ޖަލުގެ ލައިބްރަރީގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާ ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.