ކޫއްޑޫ އެއާޕޯޓުގެ ހިންގުމުގެ ހާލަތު ދަށްވެ، އެތަނަށް އެމަޖެންސީގައި ގެންދާ ބަލި މީހާ އުފުލާނެ ވެހިކަލެއް ނެތި އެންމެ ފަހުން މުދާ އުފުލާ ގާޑިޔަލުގައި ބަލިމީހާ ގެންގޮސްފިއެވެ.

ބަލި މީހާ މުދާ އުފުލާ ގާޑިޔަލުގައި ގެންގޮސްފައިވަނީ އެއާޕޯޓުގައި ބޭނުންކުރާ ވެހިކަލް ހަލާކުވެ، އެ މަރާމާތު ކުރެވިފައި ނުވާތީއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެތަނުގެ ފަސިންޖަރުން އުފުލާ ވޭން ހަލާކުވެފައި އޮންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި އެ މަރާމާތު ކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ އިރު، އެއާޕޯޓުގައި ދެން ހުރި ކަންތައްތަކަކީ ވެސް މިފަދަ ހާލަތެއްގައި ހުރި ކަންތައްތައް ކަމަށް މައުލޫމާތު ލިބެއެވެ.

ފޭސްބްކުގައި މިއަދު މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޫއްޑޫ އެއާޕޯޓުން ހާލުދެރަ ބަލިމީހަކު ވެހިކަލެއް ނެތިގެން ގާޑިއަލެއްގައި ގެންދިއުމަކީ އެއާޕޯޓުގެ މެނޭޖްމަންޓް ފެއިލްވެފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި މިކަމުގައި ޒިންމާ މޯލްޑިވްސް އޭވިއޭޝަނުން އުފުލަން ޖެހޭ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

"ކޮންމެ އަހަރު އެއާޕޯޓުތައް އިންސްޕެކްޓްކޮށް އޭވިއޭޝަން ގަވާއިދުުތަކަށް ތަބާވޭތޯ، ވެހިކަލް ހަމަތޯ ބަލަން ޖެހޭ. މުދާ އުފުލާ ގާޑިޔަލުގައި ބަލިމީހާ ގެންދިޔުމަކީ އައިސީއޭއޯ ގަވާއިދާ ހިލާފްކަމެއް ކަން އެއާޕޯޓު މެނޭޖްމަންޓަށް ނޭނގުމަކީ އެބޭފުޅުންނާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭވަރު ކަމެއް"
އާންމު ފަރާތަކުން އެފްބީގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

"ދަ ޕްރެސް" އާ ވާހަކަ ދެއްކި މީހަކު ބުނީ އެތަނުގައި ފަސިންޖަރުން އުފުލާ ވެހިކަލް ހަލާކުވެފައި އޮންނަތާ އަހަރެއް ވެދާނެ ކަމަށެވެ. އެތަނުގެ ޓްރޯލީތައް ބޭނުން ނުކުރެވޭއިރު، ފުލްކޮށް އަންނަ ފުލައިޓްތަކުން ފައިބާ ފަސިންޖަރުންނަށް ބޭނުންވާ އަދަދަށް ޓްރޯލީ ނުހުރެއެވެ.

https://www.facebook.com/permalink.php?story_fbid=1208305909333696&id=100004628951439
"މިދިޔަ ބޮޑު ވިއްސާރައިގައި ފަސިންޖަރުން ޖެހުނީ ތެމިގެން ޓާމިނަލްއަށްދާން. މެނޭޖަރާ މިވާހަކަ ދެއްކީމަ އޭނަ އަޅާ ނުލާ. އަޅާލާނަމަ މިކަންކަން ބޮއްސުންލައިގެން ނުދާނެ. ޓާމިނަލް އިން ޖެޓީއަށް ގެންދާ ޓްރޯލީތައް އަނބުރާ ގެންނާނެ މުވައްޒަފެއް ނެތް. ސިިޔާސީ ވެގެން އެމީހުން ބޭނުން ގޮތެއް ހަދަނީ"
ދަ ޕްރެސް އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އާ ވާހަކަ ދެއްކި ކޫއްޑޫ އެއާޕޯޓުގެ މުވައްޒަފަކު ބުނީ މެނޭޖަރަށް އެތަނުގެ އެއްވެސް ކަމެއް ކުރާ ރާވާ ހިންގާކަން ނޭނގޭ ކަމަށެވެ. އަދި ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ އިރު، އެތަނުގައި މުވައްޒަފުން މަދުވެ ތަން ނުހުއްޓި ހުރީ ކިރިޔާ ކަމަށެވެ. ތަނަށް ތަރައްގީއެއް އައިސްފައި ނުވާ އިރު، މިތަނުގައި މުވައްޒަފުން އުޅެނީ ވަރަށް ހާލުގައި ކަމަށެވެ.

"މިދިޔަ ސަރުކާރުން ސިޔާސީ އެކިއެކި ކަންކަމުގައި ބައިވަރު މުވައްޒަފުން ކަނޑާލި. އެފަހުން މުވައްޒަފުން ނުނަގާ. މެނޭޖަރަކަށް ޒިންމާއެއް އަދާ ނުކުރެވޭ. ވެހިކަލްތައް ހަލާކުވެފައި އޮންނަތާ މިހާރު އަހަރު ދުވަސް ވެއްޖެ. އެވެސް ހަދާނެ މީހެއް ނެތް. މިިތަނަކީ އެންމެ ގިނައިން ޓުއަރިސްޓުން އަންނަ އެއް އެއާޕޯޓު. ހުރިހާކަމެއް މިކުރަނީ މެނުއަލްކޮށް. އެކަމަކު މިތަން ހިންގާ ކުންފުންޏަށް އެބަ އޮތް ތިން ރަށް ދައުލަތުން ދީފައި"
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެއާޕޯޓުގެ މުވައްޒަފަކު ބުންޏެވެ.

މީގެ އިތުރުން ބޯޓު ޖެއްސުމުގެ ކުރިން ރަންވޭ ޗެކް ކުރުމަށް ބޭނުންކުރާ ވެހިކަލް ހަލާކުވެ، އެތަނުގައި ފަސިންޖަރުން އުފުލާ ވޭން ބޭނުން ކުރިކަމަށް އެތަނުގެ މުވައްޒަފަކު ވަނީ ބުނެފައެވެ. އޭނާ ބުނީ ހަތަރު އަހަރު ވީ އިރު ވެސް އެތަނުގައި ރަންވޭ ޗެކްކުރާނެ ވެހިކަލެއް ނެތް ކަމަށެވެ. އަދި މިހާރު ރަންވޭ ޗެކްކުރަން ބޭނުންކުރަނީ ބައިސްކަލެއް ކަަމަށް އޭނާ ބުންޏެވެ.

ރަންވޭ ޗެކްކުރާ ވެހިކަލް ހަލާކުވިތާ 4 އަހަރު. މިހާރު އެކަން ކުރަނީ ބައިސަކަލެއްގައި

ކޫއްޑޫ އެއާޕޯޓް ތަރައްގީ ކޮށްފައި ވަނީ ގއ. ދިގުރަށް ރިސޯޓެއް ތަރައްގީކުރުމަށް 50 އަހަރަށް ބޮނެވެންޗާ މޯލްޑިވްސްއަށް ދީގެން 2011 ވަނަ އަހަރުއެވެ. 25 އަހަރަށް އެއާޕޯޓު ހިންގައި ތަރައްގީ ކުރުމަށް ސަރުކާރުން އެއިރު ހަވާލުކޮށްފައިވަނީ، ސިންގަޕޫރުގެ ކިޔޮން ހޮންގް ކޮންސްޓްރަކްޝަނާއެވެ. ސަރުކާރުން ކޫއްޑޫ އެއާޕޯޓް ތަރައްގީ ކުރަން ކިޔޮންގް ހޮންގްއާއި ހަވާލު ކޮށްފައިވަނީ ކޮންސްޓްރަކްޓާ ފައިނޭންސްގެ އުސޫލުން ޓޫރިސްޓް ރިސޯޓެއް ހިންގަން ރަށެއް ދޭ ގޮތަށެވެ. އެގޮތުން ކިޔޮން ހޮންގް އިން ހިންގަން ގއ. މާމުޓާ އާއި އަދި ކޫއްޑޫގައި 50 އެދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ކިޔޮންގް ހޮންގްއާއިއެކު ޓޫރިޒަމް މިނިސްޓްރީއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ކޫއްޑޫ އެއާޕޯޓު އަލުން ރިބްރޭންޑްކޮށް ހުޅުވި ދުވަހު، އެއާޕޯޓު ހިންގާ ކުންފުނީގެ އިސްވެރިއެއް (ކ) ކުރީގެ ރައީސް އަބްދުޣﷲ ޔާމީން (މ) އަދި އެއާޕޯޓު ހިންގާ ކުންފުނީގެ ސީއީއޯ ޖަނާހު (ވ) / ފައިލް ފޮޓޯ

ކޫއްޑޫ އެއާޕޯޓު ހިންގާ ކޭއެޗްއޭގެ ސީއީއޯއަކީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ސަރުކާރުން އެކުލަވާލި ބޯޑުގައި ހިމެނިވަޑައިގެންނެވި މެންބަރު މުހައްމަދު އަލީ ޖަނާހެވެ. ކޫއްޑޫ އެއާޕޯޓު އަލުން ތަރައްގީކޮށް ހުޅުވުނު އިރު، ޖަނާ ވިދާޅުވެފައިވަނީ އެތަނުގައި އެއް ފަހަރާ ފަސް ޖެޓް ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށާއި އެއާބަސް ބޮޑެތި ބޯޓު ޖެއްސުމަށް ރަންވޭއަށް 50 މިލިމީޓަރުގެ ފަށަލައެއް ލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަަމަވެސް އެއާޕޯޓު ރީބްރޭންޑްކޮށް އަލުން ހުޅުވި އިރު ރަންވޭ ހަދާފައިވަނީ ޖެޓް ޖެއްސޭވަރަށް 1800 ފޫޓަށް ރަންވޭ ބޮޑުކޮށް އެއް ފަހަރާ ފަސް ފުލައިޓަށް ހިދުމަތް ދެވޭ ގޮތަށް އޭޕްރަން ބޮޑުކުރުމަށްފަހުއެވެ.

ކޫއްޑޫ އެއާޕޯޓުގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ކޫއްޑޫ އެއާޕޯޓުގެ މެނޭޖަރު ސައުދުﷲ ހިލްމީއަށް ގުޅުމުން، އެވަގުތު ބިޒީކަމަށް ވިދާޅުވެ ފަހުން ގުޅުމަށް އެދުނެވެ. ނަމަވެސް ފަހުން އެތައްފަހަރެއްގެ މަތިން ގުޅުމުންވެސް އޭނާ ފޯނެއް ނުނަންގަވައެވެ.