ހުޅުމާލޭގައި ދެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް މިއަދު ފުލުހުން ބުނެފިއެވެ.
މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ 1:00 ހާއިރު، ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައެވެ. މި މައްސަލަ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާ ގުޅިގެން، ފުލުހުން ތަހުގީގު ކުރަމުންދާ އިރު، މި މައްސަލައިގައި އަދި ތުހުމަތު ކުރެވޭ އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ހިމެނޭ، ހަ އަހަރާއި އަށް އަހަރުގެ ދެ ތުއްތު ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނާ އިރު، މި ކުދިންނަށް ކުރި ޖިންސީ ފުރައްސާރައަށް ފަހު، މި ކުދިންވަނީ ފަރުވާއަށް ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. މި ކުދިންގެ މިހާރުގެ ހާލާއި ބެހޭ ގޮތުން، ހުޅުމާލެ ހޮސްޕިޓަލާއި، ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މިހާރަކަށް އައިސް، ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ. އެގޮތުން، މިދިޔަ ހަފްތާގައި ކުޑަ ކުއްޖަކު ލައްވާ، ހަށި ވިއްކުވި މައްސަލައެއް ވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވެއެވެ. އަދި ދެކުނުގެ ރަށަކުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ. މި މައްސަލައިގެ އެ ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެގެ އިތުރުން 71 އަހަރުގެ އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ. މި މައްސަލައިގައި 71 އަހަރުގެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ކަމަށެވެ. އެގޮތުން، 2018 ވަނަ އަހަރު ކުޑަކުދިންނަށް ލިބިފައިވާ އަނިޔާގެ 747 މައްސަލައެއް ހުށަހެޅިފައިވާ އިރު އޭގެތެރޭގައި އެންމެ ގިނައީ ޖިންސީގޮތުން ގޯނާ ކުރުމުގެ މައްސަލައާއި ގެވެށިއަނިޔާގެ މައްސަލަތަކެވެ. އަންހެން ކުދިންނަށް ޖިންސީ ގޮތުން ގޯނާ ކޮށްގެން 200 އަށް ވުރެ މައްސަލަ ހުށަހަޅާފައިވާ އިރު ފިރިހެން ކުދިންނަށް ޖިންސީ ގޮތުން ގޯނާ ކޮށްފައިވާ އަދަދު 60 އާއި ގާތްކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަައެވެ. އަދި މީގެތެރެއިން ގެވެށިއަނީޔާ ލިބިފައިވާ ކުދިންގެ އަދަދު 120 އާއި ގާތްކުރެއެވެ.