އިންޑިއާ އިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައިގައި އެއްވެސް ދިވެއްސަކު ހައްޔަރު ނުކުރާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" އިން މިއަދު ބުނީ، އެގައުމުން 11.5 ކިލޯ ހަޝިޝް އޮއިލް ރާއްޖެއަށް އެތެރެކުރަން އުޅުނު މީހުން އަތުލައިގެންފައިވަނީ ޓްރިވެންޑްރަމް އިން ކަމަށެވެ. މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ، މި މައްސަލައިގައި އެއްވެސް ދިވެއްސަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އިންޑިއާގެ ފުލުހުން ބުނީ، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައި ވަނީ، އިންޑިއާގެ ކޮޗިންގެ ސަރަހައްދެއް ކަމަށްވާ އެރްނަކުލަމަށް ނިސްބަތްވާ ތިން ފިރިހެނުން ކަމަށެވެ. އަންދަޕްރަދޭޝް އިން ޓްރިވެންޑްރަމަށް ގެންދިޔަ މަސްތުވާތަކެތި އެޖެންޓަކާ ހަވާލުކުރަން އުޅުމުގެ ތެރޭގައި އަތުލައިގަތް ކާރުން 11.5 ހަޝިޝްގެ އިތުރުން ކަނޑިއެއް ފާޑުގެ ތޫނު ހަތިޔާރެއްވެސް ފެނިފައިވާ ކަމަށެވެ. އަދި އިންޑިއާގެ އެކްސައިޒް އޮފިސަރަކު މައުލޫމާތު ދިން ގޮތުގައި، އަތުލައި ގަނެވުނު ހަޝިޝް އޮއިލް އަކީ ރާއްޖެއާއި ސްރީލަންކާއަށް އެތެރެ ކުރަން އުޅޭ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާ ތަކެއްޗަކީ އެހެން ގައުމަކަށް ގެންދަން މަސައްކަތް ކުރި އެއްޗެއް ކަމަށާއި މީގެ ކުރިން ވެސް، ރާއްޖެއަށް އެތެރެކުރުމަށް ހަޝިޝް އޮއިލް ގެންދަން އުޅުނު ކޭސްތައް ފެނިފައިވާ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

އެގޮތުން، އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ތިން ސިޓީއަކީ ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ޓްރިވެންޑްރަމާއި، ކޮޗިން އަދި ސޫތުކުޅިން ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތަކުން ވަނީ މީގެ ކުރިން ބުނެފައެވެ.