މިދިޔަ އަހަރުގެ ނިޔަލަށް ސައިކަލް ރަޖިސްޓްރީ ކުރި އަދަދު ލައްކައަކާ ގާތްކުރާ އަދަދަކަށް އިތުރުވެއްޖެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓޭޓެސްޓިކްސްގެ "ސްޓޭޓިސްޓިކްސް އިޔާ ބުކް އޮފް މޯލްޑިވްސް" އިން ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 89,897 ސައިކަލް ވަނީ ރަޖިސްޓްރީކޮށްފައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު އެކަނި ވެސް 9038 ސައިކަލް ވަނީ އަލަށް ރަޖިސްޓްރީކޮށްފައެވެ. މިއީ މިދިޔަ އަހަރު ރަޖިސްޓްރީ ކުރި 7558 ސައިކަލަށްވުރެ 1480 ސައިކަލް އިތުރު އަދަދެކެވެ.

މި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ވަނީ 6325 ކާރު ރަޖިސްޓްރީކޮށްފައެވެ. މިދިޔަ އަހަރު 502 ކާރު އަލަށް ރަޖިސްޓްރީކޮށްފައިވާ އިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 90 ކާރު އިތުރު އަދަދެކެވެ. 2017 ވަނަ އަހަރު އަލަށް ރަޖިސްޓްރީ ކޮށްފައި ވަނީ 412 ކާރެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓޭޓެސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 108،532 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައި ވާއިރު، މީގެ ތެރެއިން 11،319 އުޅަނދަކީ މުޅިން އަލަށް ރަޖިސްޓްރީ ކުރެވުނު އުޅަނދެވެ. 2017 ވަނަ އަހަރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވި އުޅަނދުގެ އަދަދަކީ 97،213 އެވެ. އަދި އަލަށް ރަޖިސްޓްރީ ކުރެވުނީ 10,087 އުޅަނދެވެ.