ނިހާން ކުޅު ޖެހުމުން އޭނާގެ އަނގަ ބަންދު ނުވިއިރު ދެން ވެސް ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޓްވީޓަކަށް އާންމު މީހަކު ކުރި ކޮމެންޓެއްގެ ރައްދުގައެވެ. ރޮޒައިނާ ވިދާޅުވީ، ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ކުޅު ޖެއްސެވި ކަމުގައި ވިޔަސް، އޭނާގެ އަނގައިގައި ޓޭޕް ނޭޅޭ ކަމަށާއި، އެހެން މީހަކަށް ވެސް އެކަން ނުވާނެ ކަމަށެވެ. އަދި އޭނާގެ ފުރާނަ ހުރެ، ވާހަކަ ދެއްކެވޭހާ ހިނދަކު ހިޔާލު ފާޅު ކުރައްވާނެ ކަމަށާއި ހޯއްދެވި މިނިވަން ކަމަކީ އެއީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނުވަތަ ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފު ހޮވިވަޑައިގެންނެވިއަސް، އެއީ އެމްޑީޕީގެ ދެ މެންބަރުން ކަމަށާއި، އެކަމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ ޓްވީޓެއް ކުރައްވާފައެވެ. ރޮޒައިނާ މި ޓްވީޓް ކުރެއްވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ ރަނގަޅީ އަފީފު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ރޮޒައިނާގެ މި ޓްވީޓަށް ކޮމެންޓް ކުރަމުން އާންމު މީހަކު ބުނީ، ރޮޒައިނާ ކަހަލަ ފަނި ފަކްސާ އިންގެ މޫނަށް ކުޅު ޖަހަން ޖެހުނީ ކަމެއް ވެގެން ކަމަށެވެ. އަދި ރޮޒައިނާ އުޅުއްވަނީ އައްޑޫ އެމްޑީޕީ "ފުނޑާލާނަމޭ" ހިތަށް އަރުވައިގެން ކަމަށާއި، އޭނާ މަޖިލީހަށް ހޮވިވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ވިއްކަވައިގެން ކަމަށެވެ. މި މީހާއަށް ރައްދު ދެއްވަމުން ރޮޒައިނާ ވަނީ އަސްލަމަށް ވޯޓު ހޯއްދަވާ ގޮތަކީ ތިއީތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. އަދި އޭނާގެ މޫނަށް ކުޅު ޖައްސަވަން ޖެހިވަޑައިގެންނެވީ ކަމެއް ވެގެން ކަމަށް ވާނަމަ، އަވަހަށް ކުޅުޖަހަން އައުމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ މޫނަށް ނިހާން ކުޅު ޖެއްސެވި ވާހަކައަކީ، 2016 ވަނަ އަހަރު މަޖިލީހުގައި ރޮޒައިނާއާ ނިހާނާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރޭގައި މޭޒުމަތީގައި ހުރި ފެންތަށި ނަންގަވާ ފެންފޮދެއް ހިތްޕެވުމަށްފަހު ރޮޒައިނާގެ މޫނަށް ނިހާންގެ އަނގައިގައި ހުރި ފެން ޖެއްސެވި ވާހަކައެވެ. ބަދަލުގައި ރޮޒައިނާ ވަނީ ހަމަ އެފެންތަށި ނަންގަވާ އޭގައި ބާކީ ހުރި ފެންތައް ނިހާންގެ ގަޔަށް ޖައްސަވާފައެވެ. އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ ނިހާނަށް ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިހާދިސާއާއި ގުޅިގެން ނިހާން ޓްވީޓް ކުރައްވާ ވިދާޅުވެފައިވަނީ ރޮޒައިނާ ގަޔަށް ފެންދިޔައީ ކޮށި އެރުއްވުމުގެ ސަބަބުން ކަމަށެވެ.