ރާއްޖޭގައި އުފައްދާ ތަކެތި ވިއްކަން ލިބެނީ މަދު ފުރުސަތެކެވެ. އެގޮތުން ރިސޯޓްތަކުގެ އިތުރުން ދެން ރާއްޖޭގައި ހައްދާ ތަކެތި އެންމެ ގިނައިން ވިއްކެނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައެވެ. ނަމަވެސް މާރުކޭޓު ހުންނަ ތަނުގެ ގޮތުންނާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކޮންމެ ކޮންމެ މީހަކަށް އެކަން ފަސޭހަ ކަމަކަށް ނުވެއެވެ.

މި ރޯދަ މަހުގައި އެންމެ ބާރުބޮޑު އެއް ތަނަކީ ދަތުރުވެރިންގެ މާރުކޭޓެވެ. ގިނަ ފަހަރު އެތަނަށް ވަންނަން ޖެހެނީ ފިތި ބާރުވެގެންނެވެ. ނަމަވެސް ޒަމާނާއެކު ކަންކަން ތަރައްގީވެ ފަސޭހަތަކެެއް ލިބެން ފަށައިފިއެވެ. މި ދައްކަނީ ދަތުރުވެރިންގެ މާރުކޭޓުގައި ޒަމާނާ އެއްވަރަކަށް ކުރިއަރާފައިވާ ގޮޅިއެއްގެ ވާހަކައެވެ.

"ކޮއްކޯ މިތަނުން ކާޑުން ކަނޑާލެވޭނެ. ބޭނުން އަދަދަކުން ކަނޑަންވީ" މާރުކޭޓުގެ ޑީ11 ނަންބަރު ގޮޅިން ބުނެލި އަޑު އިވިގެން އެ ދިމާލަށް ހުއްޓި ސުވާލުކޮށްލީމެވެ. އެހިސާބުން މިއީ އާދައިގެ ގޮޅިއެއް ނޫންކަން އެނގުނެވެ. އެ ގޮޅީގައި ވިޔަފާރިކުރަން ހުރި ދެބައި އުމުރުގެ މީހާ "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ ފައިސާ ނުލާ އައިސްގެން ހާސްވާކަށް ނުޖެހޭނެ ކަމަށެވެ. އަދި ކާޑުން ކަނޑާލެވޭނެ ކަމަށާއި، މި ހިދުމަތް އަބަދުވެސް ލިބެން ހުންނާނެ ކަމަށެވެ.

ޑީ 11 ވަނަ ގޮޅީގައި ވިޔަފާރިކުރާ ފަރާތުން ސާމާނުތަކެއް ކޮތަޅަށް އަޅަނީ / ފޮޓޯ: ޙުސައިން މަޙްތޫމް | ދަ ޕްރެސް
"ދެން ޒަމާނާ އެއްގޮތަށް އަޅުގަނޑުމެންވެސް ކަންކަން ގެންނަނީ މި، ފުދޭވަރަކަށް ގިނަ މީހުން އާދޭ ކާޑުން ކަނޑަން. ތަރުހީބު ހަމަ ރަނގަޅު"
ގޮޅި ހިންގާ ފަރާތުން ބުންޏެވެ.

އެ ގޮޅީގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް އަތުރާލާފައި ހުރި އިރު، ގަނޑުކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަންވެސް ކުރެވޭނެ ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ. އަދި ބޮޑު އަދަދުން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން ކާޑުން ކެނޑުމުގެ ހިދުމަތް ބަލައިގަންނަ ކަމަށާއި، މިއީ ވިޔަފާރިއަށް ލިބުނު ފަސޭހައެއް ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ.

ޑީ 11 ވަނަ ގޮޅީގައި ވިޔަފާރިކުރާ ފަރާތުން ސާމާނުތަކެއް ކޮތަޅަށް އަޅަނީ / ފޮޓޯ: ޙުސައިން މަޙްތޫމް | ދަ ޕްރެސް

މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. މި ގޮޅީގެ އޮންލައިން ޕޭޖެއްވެސް އޮވެއެވެ. "ކަނޑު ރޯދި" ނަމުގައި ހުޅުވާފައިވާ އެފްބީ ޕޭޖުން ބަލާފައި ބެނުންވާ އޯޑަރުވެސް ކުރެވެއެވެ. ޑެލިވަރީގެ ހިދުމަތްވެސް މި ގޮޅިން ލިބޭކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ. އޭނާ ބުނީ އަލަށް އަންނަ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ ފޮޓޯ ޕޭޖަށް އަޕްލޯޑް ކުރެވޭނެއެވެ. އަދި ގަންނަން ބޭނުންވާ ފަރާތްތަކުން ގުޅާ އޯޑަރު ދިނުމުން ޑެލިވަރީކޮށްދޭ ކަމަށެވެ.

ކަނޑު ރޯދި ފޭސްބުކުގައި މިރުސް ވިއްކަން ޖަހާފައި

މިއީ ފަހަކަށް އައިސް މާރުކޭޓުގެ ގޮޅިއެއްގައި ފެނުނު އެންމެ ތަފާތު އެއްކަމެވެ. މާރުކޭޓުގައި އިތުރު އެހެން އެއްވެސް ގޮޅިއެއްގައި މިފަދަ ހިދުމަތެއް ދޭތަނެއް ނުފެނެއެވެ.