އިންޑިއާ އިން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 11.5 ކިލޯ ހަޝިޝް އޮއިލް އިންޑިއާ ފުލުހުން އަތުލައިގެންފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" އިން ވަނީ އެގައުމުން ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބުނާ 11.5 ކިލޯ ހަޝިޝް އޮއިލް އަތުލައިގަތް ކަމަށް ބުނެ ހަބަރެއް ލިޔެފައެވެ. އިންޑިއަން އެކްސްޕްރެސް އިން ބުނީ، އެގައުމުގެ ކޮޗިންގެ ސަރަހައްދެއް ކަމަށްވާ އެރްނަކުލަމަށް ނިސްބަތްވާ ތިން މީހުން، 120 މިލިއަން އިންޑިއަން ރުޕީސް ހަޝިޝް އޮއިލްއާ އެކު އަތުލައިގަތް ކަމަށެވެ.

އިންޑިއާ ފުލުހުންގެ އެކްސައިޒް ޑިޕާޓްމަންޓުގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއަން އެކްސްޕްރެސް އިން ބުނީ، މި މަސްތުވާތަކެއްޗަކީ، އަންދަޕްރަދޭޝް އިން ޓްރިވެންޑްރަމަށް ގެންދިޔަ މަސްތުވާތަކެކި ކަމަށެވެ. އަދި މި އެއްޗެހި ޓްރިވެންޑްރަމްގައި ހުރި އެޖެންޓަކަށް ހަވާލު ކުރުމަށް މި އެއްޗެހި ގެންދިޔަ މީހުންނަށް އެއް ލައްކަ ރުޕީސް ދީފައިވާ ކަމަށް އެކްސައިޒް އޮފިޝަލު ބުނެއެވެ. އޭނާ ބުނީ، 11.5 ކިލޯ ގްރާމްގެ ހަޝިޝް އޮއިލްގެ އިތުރުން، އަތުލައިގަތް ކާރުން، 2.5 ކިލޯ ގްރާމްގެ ގަންޖާ އާއި ކާރުގައި ފޮރުވައިފާ އޮތް ކަނޑިއެއް ފާޑުގެ ތޫނު ހަތިޔާރެއް ވެސް ފެނުނު ކަމަށެވެ. މި ހަތިޔާރަކީ، އެހެން ގޭންގަކުން، މި ކާރަށް އަދި ކާރުގައި ތިބި މީހުންނަށް ހަމަލާއެއް ދީފި ހާލަތެއްގައި އެމީހުންގެ ރައްކާތެރި ކަމަށް ގެންގުޅޭ އެއްޗެއް ކަމަށް ލަފާ ކުރެވޭ ކަމަށް އެކްސައިޒް އޮފިޝަލު ބުނެއެވެ.

އިންޑިއަން އެކްޕްރެސް އިން ބުނި ގޮތުގައި، މި ހަޝިޝް އޮއިލް އަކީ، އެހެން ގައުމަކަށް ގެންދަން މަސައްކަތް ކުރި އެއްޗެއް ކަމަށެވެ. މީގެ ކުރިން ވެސް، ރާއްޖެއަށް އެތެރެކުރުމަށް ހަޝިޝް އޮއިލް ގެންދަން އުޅުނު ކޭސްތައް ފެނިފަިއިވާ ކަމަށެވެ. އިންޑިއާގެ އެކްސައިޒް އޮފިސަރަކު މައުލޫމާތު ދިން ގޮތުގައި، މިފަހަރު ވެސް، މި ހަޝިޝް އޮއިލް އަކީ ރާއްޖެއާއި ސްރީލަންކާއަށް އެތެރެ ކުރަން އުޅޭ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން، އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ތިން ސިޓީއަކީ ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ޓްރިވެންޑްރަމާއި، ކޮޗިން އަދި ސޫތުކުޅިން ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތަކުން ވަނީ މީގެ ކުރިން ބުނެފައެވެ.