ލ. ހިތަދޫ ކައިރިން ވެލި ބަރުކޮށްގެންދާ ބޯޓު އޮޕަރޭޓް ކުރަމުން ދަނީ ކަސްޓަމްސްގެ ހުއްދައެއް ނެތި ގަވާއިދާ ހިލާފަށް ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ސިނަމާލެ ބްރިޖް އެގްރީމެންޓްގެ ދަށުން ރާއްޖެއިން ވެލި ނަގައިގެން ދުބާއީއަށް ގެންދާކަމަށް ބުނާ މި ބޯޓު ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ޗައިނާގެ ބޯޓެއްކަމަށް ބުނެފައިވާ މި ބޯޓުގައި ނަމެއް ނެތް އިރު ދިދައެއްވެސް ނަގާފައި ނުވެއެވެ. އަދި ގިނަ އަދަދެއްގެ ވެލި ބޯޓަށް ބަރުކޮށްފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ކަސްޓަމްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއިން ބޭރުގެ އުޅަނދެއް މާލެ ސަރަހައްދުން ވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ގެންދާކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ލިބިގެން އެ މައްސަލަ ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ބަލަމުންދާ ކަމަށެވެ.
ކަސްޓަމްސް އިން ވަނީ މި އުޅަނދު ސިނަމާލެ ބްރިޖް ޕްރޮޖެކްޓުގައި ބޭނުންކުރުމަށް ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަން ކަށަވަރުކޮށްދީފައެވެ. އަދި މި ބޯޓު ދަތުރުކުރަމުން ދަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް އެ ފާރާތުން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ ރާއްޖޭގައި ހިންގާ އިގްތިސޯދީ ބޮޑެތި ޕްރޮޖެކްޓްތަކަށް ގެނެވޭ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދަ ނެތި އެހެން މަސައްކަތްތަކަށް ބޭނުންކުރުން މަނާ ތަކެތި ކަމަށެވެ. އަދި އެފަދަ އުޅަނދު ފަހަރުގެ ކަންކަން ބަލަހައްޓަމުން ދާނީ އެ އުޅަނދަަކަށް އައްޔަންކުރެވޭ ކަސްޓަމްސްގައި ރަޖިސްޓްރީކުރެވިފައިވާ ލޯކަލް އެޖެންޓެއް މެދުވެރިކޮށް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި ބޯޓުގެ މައްސަލަ މިހާރު ވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ވެސް ހުށަހަޅާފައެވެ. އީޕީއޭއިން ބުނެފައިވަނީ އެ އެޖެންސީއަށް ހުށަހެޅުނު ބޯޓެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބަކުން ވެލި ނަގައިގެން ދުބާއީއަށް ގެންދަން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށްވެސް އެފަރާތުން ބުނެއެވެ. އަދި މިކަން މިގޮތަށް ހިނގާނަމަ ގަވާއިދާ ހިލާފަށް ވެލިނެގުން ހުއްޓުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މާލެ ސަރަހައްދުން ވެލިހިފައިގެން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދާކަމަށް ބުނާ އުޅަނދެއްގައި ހުރި ވެއްޔަކީ ގާނޫނާއި އެއްގޮތަށް ހުއްދަ ލިބިގެން ހޯދާފައިވާ ވެލިކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަަށެވެ.