19 ވަނަ މަޖިލީހުގެ ރައީސްކަމުގެ ރޭހުގައި ފަތަށް ޖެހިވަޑައި ނުގަންނަވާ ކަމަށާއި، ދައުރުވަމުން ދަނީ ފޭކް މެސެޖެއް ކަމަށް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ވަނަ ދުވަހު އާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ޖަލްސާ ބާއްވަން ނިންމާފައި ވަނިކޮށް، މިއަދު އަސްލަމްގެ ނަމުގައި ދަނީ މެސެޖެއް ދައުރުވަމުންނެވެ. ދައުރުވަމުންދާ އެސްއެމްއެސްގައި ބުނެފައިވަނީ "ރައީސް ނަޝީދުގެ އެދުމުގެ މަތިން އަޅުގަނޑު 19 ވަނަ ރައްޔިތުންގެ މަޖިލިސް ރައީސް ކަމަށް ކުރިމަތި ނުލާން ނިންމައިފިން. އެ މަނިކުފާނުގެ އެދުމަށް އަފީފަށް ތާއިދު ކުރަން" ކަމަށެވެ.
މި މެސެޖް ފޮނުވާފައިވަނީ އަސްލަމްގެ ނަންބަރުންނެވެ. ނަމަވެސް އެއީ އަސްލަމް ފޮނުއްވި މެސެޖެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުފައެވެ. އަދި އެއީ ބަޔަކު ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަސްލަމަކީ އަލަށް ހުވާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޯމިނޭޓް ކުރެއްވި މެންބަރެވެ. ނަަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ތާއިދު ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް އޮތްކަަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ފަސް މެންބަރަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެއީ އަފީފާއި އަސްލަމްގެ އިތުރުން ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މި މަހުގެ 28 ވަނަ ދުވަހު މަޖިލީހުގެ ރަސްމީ ޖަލްސާއެއް ބާއްވާ ރައީސާއި ނައިބު ރައީސް ހޮވާ އިރު، އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ނެރޭނެ މެންބަރު ހޮވުމަށް ޕީޖީ ގްރޫއްޕުގައި އަންނަ ހޯމަ ދުވަހު ވޯޓެއް ނަގާނެއެވެ.