ޖީއެމްއާރާއި ދިވެހި ސަރުކާރާ މެދު ވެވުނު އެއްބަސްވުން އުވާލުމުގެ ސަބަބުން އާބިޓްރޭޝަންގެ ދަށުން ދިވެހި ސަރުކާރާއި އެމްއޭސީއެލުން ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާގެ އެއްވެސް އަދަދެއް ޓެކްސްގެ ގޮތުގައި އުނިކުރަން ނުޖެހޭނެ ކަމަށް ލަފާދީފައި ވާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ. މިގޮތަށް ލަފާ ދިނީ ޖީއެމްއާރުން އެއާޕޯޓު ހިންގި އިރު އުފެއްދި ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ދޭން ޖެހުނު ފައިސާ ދައްކާ ހަލާސް ކުރި އިރު، އެ ވިޔަފާރީގެ ޓެކްސް އަށް ވި 23 މިލިއަން ޑޮލަރު ޖީއެމްއާރުން ދިވެހި ދައުލަތަށް ދައްކަން ނުޖެހެނޭނެ ކަމަށް އެމްއޭސީއެލުން ކަނޑައަޅާފައި ވުމުން ކަމަށެވެ.

އާބިޓްރޭޝަންގެ ނިންމުން ގަބޫލުކޮށް އޭގައިވާ އަދަދަށް 15 ނޮވެމްބަރު 2016 ގައި ފައިސާ ދައްކާފައިވާ އިރު، އެ ފައިސާއިން ޓެކްސް ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން ޖީއެމްއާރަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާކަމަށްވެސް ބަންޑާރަ ނައިބު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"އާބިޓްރޭޝަންގެ ފައިނަލް އެވޯޑުގެ ފައިސާއިން އެއްވެސް ޓެކްސްއެއް ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާތީ، އެވޯޑުގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ޓެކްސްއެއް މީރާއަށް ދައްކަން ނުޖެހޭނެކަމުގެ ޔަގީންކަން ދެން" އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

މީރާއިން ބުނެފައިވަނީ އެއާޕޯޓް ހިންގަން އުފެއްދި ކުންފުނި، ޖީއެމްއައިއޭއެލްއިން ވިޔަފާރި ފައިދާގެ ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 23 މިލިއަން ޑޮލަރު (354.66 މިލިއަން ރުފިޔާ) ޖީއެމްއާރުން ދައްކަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މިކަން ނަފީ ކުރަމުން އޭޖީ ބުނެފައިވަނީ މީރާއިން އެހެން ނިންމާ ހާލަތެއްގައިވެސް އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

އިއްޔެ ކުރެއްވި ޓްވީޓެއްގައި ރިއްފަތު ވަނީ އޭޖީ ގެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅޭ އެެއްވެސް ކަމެއް ނިންމާފައި ނުވާނޭ ކަމަށް ވިދާޅުވެފައި މިއަދު ނެރުއްވި ބަޔާނުގައި ޓެކްސްއާއި ގުޅޭ ގޮތުން ލަފާ ދެއްވި ކަމަށް ވިދާޅުވުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ރިއްފަތަކީ ޖީއެމްއާރު މައްސަލަ އާބިޓްރޭޝަންގައި އޮތް އިރު އެ ކުންފުނީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއްވެސް މެއެވެ.

މާލޭގެ ރަސްމީ ވައިގެ ބަނދަރު ހިންގުމަށް ޖީއެމްއާރާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ ޖީއެމްއާރާއި ދިވެހި ސަރުކާރާ އޭރު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އޭގެ ބަދަލު ޖީއެމްއާރަށް ދީފައެވެ.