އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސޯލިހު މޯދީއަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވީތީ މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު މޯދީއަށް މަރުހަބާ ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މޯދީ ހޯއްދެވި ކާމިޔާބީއަށް އިންތިހާބު ނިމުމުގެ ކުރިން މަރުހަބާ ދަންނަވާފައެވެ.

މިއީ އިންޑިއާގެ ޕާޓީއަކުން ދެވަނަ ޖެހިޖެހިގެން ދެވަނަ ދައުރަކަށް ވެރިކަން ދިފާއުކުރެއްވި ފުރަތަމަ ފަހަރެވެ.

އިންޑިއާގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޕާޓީއަކަށް މަޖިލީހުގެ 272 ގޮނޑި ބޭނުންވެއެވެ. އެއީ މަޖިލީހުގެ އަގުލަބިއްޔަތެވެ. އިންތިހާބުގެ މިހާރުގެ ނަތީޖާ ދައްކާ ގޮތުން، މޯދީގެ ޕާޓީ ބީޖޭޕީ އަދި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީން ވަނީ 542 ގޮނޑީގެ ތެރެއިން 292 ގޮނޑި ކަށަވަރުކޮށްފައެވެ.