19 ވަނަ ރައްޔިތުންގެ މަޖިލީހަށް މަޖިލީހުގެ މާލަމަށް ބަދަލުތައް ގެނައުމަށް މިހާތަނަށް 11 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ސަރުކާރުން 19 ވަނަ މަޖިލީސް ފެށުމުގެ ކުރިން މަޖިލީހުގެ މާލަމަށް ބަދަލުތައް ގެނައުމުގެ މަޝްރޫއު 19 މިލިއަން ރުފިޔާއަށް ހަވާލު ކުރި އިރު، މިހަތަނަށް އެ މަޝްރޫއަށް ހަރަދު ކޮށްފައިވަނީ 11 މިލިއަން ރުފިޔާއެވެ.

މަޖިލީހުގެ މާލަމަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މަޖިލިހުގެ މެންބަރުން ބޭނުން ކުރައްވަމުން ގެންދެވި ޓަޗް ސްކްރީން ކޮމްޕިއުޓާ މޮނިޓަރުތަކުގެ ބަދަލުގައި ކޮންމެ މެންބަރަކަށް ނުވަ އިންޗީގެ އައިޕެޑެއް ވަނީ ބަހައްޓާފައެވެ. އަދި ކުރިން މާލަމުގައި ހުރި ހަތަރު ކެމެރާގެ އިތުރުން ހަތް ކެމެރާއެއް އިތުރު ކޮށްފައިވާއިރު، އެ މާލަމުގައި ވަނީ އިތުރު ޓީވީތައް ވެސް ބަހައްޓާފައެވެ.

މީގެ އިތުރުން، މަޖިލީހުގެ ޗެމްބަރުގައި ހުންނަ ކޮންގްރެސް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މައިކް ސިސްޓަމް ހަރުކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި މަޖިލިހުގެ ޖަލްސާކުރާ މާލަމުގައި ބޭނުން ކުރުމަށް އިލެކްޓްރޯނިކް ކޮންގްރެސް ސިސްޓަމަކާއި ވީޑިއޯ ބްރޯޑްކާސްޓިން ސިސްޓަމެއް ގާއިމްކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ޑިވިޝަން އޮފް އޯޑިއޯ ވިޝުއަލްސްއާ ހަވާލުކޮށްފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި މެންބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރޭ އޮންނަ އިރު، މިއީ އާ މަޖިލީހަކަށް މަޖިލީހުގެ މާލަމަށް މިހާ ބޮޑެތި ބަދަލުތައް ގެންނަ ފުރަތަމަ ފަހަރެވެ.