ދިވެހިރާއްޖޭގެ ހާއްސަ އިހްތިސޯދީ ސަރަހައްދު (އެސްއީޒެޑް) ކަނޑައަޅާފައި ވަނިކޮށް، އެއަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އދ. ގެ އާންމު މަޖިލީހަށް ނުވަތަ އެނޫން މަޖިލީހަކަށް ހުށަހެޅޭ ހުށަހެޅުމަކަށް ދިވެހި ސަރުކާރަށް ތާއީދު ނުކުރެވޭނެކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
ދިވެހި ސަރުކާރުން މިހެން ބުނެފައިވަނީ ޗާގޯސް އައިލެންޑް މައްސަލައިގައި އދ. ގެ އާންމު މަޖިލީހުގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާއި ދެކޮޅަށް ވޯޓު ދިން ސަބަބު ހާމަކުރުމުގެ ގޮތުންނެވެ. ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި) ގެ މައްސަލައިގައި ރޭ އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ދިވެހިރާއްޖެއިން ވޯޓު ދީފައިވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކަމަށެވެ.
ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ. އަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ. މި ހުށަހެޅުން އދއަށް ފޮނުވުމާއި ގުޅިގެން މޮރިޝަސްއިން ވަނީ އެހުށަހެޅުމާއި ދެކޮޅު ހަދާކަން އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައެވެ.
ސަރުކާރުން ބުނެފައިވަނީ އިން ކަނޑައެޅުމުގެ މައްސަލައިގައި ވަކި ގޮތެއް އދ. އިން ނިންމާފައި ނުވަނީސް، ޗާގޯސް އާކިޕެލަގޯގެ މައްސަލައިގައި ވަކި ގޮތަކަށް ނިންމަން ޖެހޭކަމަށް ބުނެ ތާއިދު ކޮށްފިނަމަ ދިވެހިރާއްޖޭގެ ސަރަހައްދާއި ބެހޭ ގޮތުން އދ. ގެ ކަމާއި ބެހޭ އިދާރާއަށް ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު ސުވާލު އުފެދޭނެއެވެ. މިކަމުގައި ދިވެހިރާއްޖެއިން ހިފަހައްޓަން ޖެހޭނީ މިއަދުގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތްކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އދ. ގެ އާންމު މަޖިލީހުގައި މިމައްސަލައިގައި ކުރެވުނު ބަހުސްގައި ވެސް އަދި އޭގެ ފަހުން ދިވެހިރާއްޖެއިން ވޯޓު ދިން ގޮތް ހާމަކުރުމުގައި ވެސް ދިވެހިރާއްޖެއިން ވަނީ އެކަން ސާފުކޮށްދީފައެވެ. އަދި މިއީ 1990ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް ދަމަހައްޓަމުން އައި ސިޔާސަތެވެ.