2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އަށް އިތުރު ކުރުމަށް ކުރަމުންދިޔަ މަޝްވަރާތައް ނިންމާ، މި ފަހަރުވެސް މުބާރާތުގައި ވާދަކުރާނީ 32 ޓީމުކަމުގައި ބައިނަލްއަގުވާމީ ފުޓުބޯޅަ އިދާރާ (ފީފާ)އިން ކަނޑައަޅައިފިއެވެ.

2022 ވަނަ އަހަރުގެ ވާލްޑްކަޕުގައި އިތުރު ޓީމުތަކެއް ބައިވެރި ކުރެވެން ނެތީ ގަލްފުގެ އިތުރު ގައުމެއްގައި މުބާރާތުގެ އިންތިޒާމުތައް ހަމަޖައްސެމުށްޓަކައި ސިޔާސީ އަދި ލޮޖިސްޓިކްސްގެ ގޮތުން ބޮޑެތި ހުރަސްތަކެއް ހުރިމުގެ ސަބަބުން ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

މެދުއިރުމަތީގައި ފުރަތަމަ ފަހަރަށް ބާއްވާ ވޯލްޑްކަޕް ފުޓޫބޯޅަ މުބާރާތަކީ މިހާރަށްވުރެ ބޮޑު މުބާރާތަކަށް ހެދުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކުރަމުންދިޔަ އުއްމީދުތަކަށް ނިމުމެއް ގެނެސްފައިވަނީ މެދުއިރުމަތީ ގަލްފު ސަރަހައްދުގައި އުފެދިފައިވާ ޑިޕްލޮމެޓިކް ކާރިސާތަކުގެ އިތުރުން، މުބާރާތް ހޮސްޓް ކުރާ ގައުމުތަކުގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކޮށްފައިވާ ޑިމާންޑްތަކަށް އިޖާބަ ދީފައި ނެތުމުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ.

48 ގައުމާއެކު ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތެއް ދެން އެންމެ އަވަހަށްވެސް ފެނިގެންދާނީ 2026 ވަނަ އަހަރުއެވެ. 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ކުރިއަށްދާނީ އެމެރިކާ އަދި ކެނެޑާގެ އިތުރުން މެކްސިކޯގައެވެ.