ކ. ދިއްފުށީގައި ހަމަނުޖެހުމެއް ހިންގައި ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލައިފި ކަމަށް ފުލުހުން ދާދި ދެންމެއަކު ބުނެފިއެވެ. ފުލުހުން ބުނީ މިރޭ އިރާކޮޅު ހިންގި ހަމަނުޖެހުމެއްގައި ޒަހަމްވި ދެމީހުންގެ ތެރެއިން އެކަކު ދިއްފުށީ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވާ ކަމަށެވެ. އަދި ދެވަނަ މީހާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުނެއެވެ.
ދިއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ ހިނގި ހާދިސާއަކީ ރަށުން ވައްކަން ކުރާތީ ވަގަކު ހޯދުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުތުމާއެކު ހިނގި ހަމަ ނުޖެހުމެއް ކަމަށެވެ. މިހާދިސާގައި ޒަހަމްވި މީހެއްގެ ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާގެ ނިއްކުރިމަތިން މޫނު މައްޗަށް ލޭ ފައިބާފައި ހުރި އިރު އުނުގައި އޮތް ސޯޓު ފިޔަވައި ގައިގައި ހެދުމެއްވެސް ނެތެވެ. އޭރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައެވެ. އޭރުވެސް ރައްޔިތުންގެ ތެރެއިން ބަޔަކު 'އެއީ ވަގެއް' ކަމަށް ގޮވާ އަޑު ވީޑިއޯގައި ހުއްޓެވެ.
ދިއްފުށީގައި ވައްކަން އިތުރު ވުމުގެ މައްސަލަތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފެންމަތިވެފައެވެ. އެގޮތުން އެރަށުގެ ފިހާރައެއްގެ ތިޖޫރީ ވަގަށް ނަގާފައި ވާއިރު ގެސްޓް ޝޮޕަކުންވެސް ވައްކަން ކުރުމުގެ މައްސަލައެއް ފެންމަތިވެފައިވާކަމަށް އެރަށުން ވަނީ މައުލޫމާތު ލިބިފައެވެ.
މިރޭ ހިނގައި ދިޔަ ހާދިސާއަކީ ވަގުން ހޯދަން ރަށުގެ ބައެއް ރައްޔިތުން ރޯދަ ވީއްލައިގެން ނުކުތުމުން ހިނގި ހާދިސާއެއްކަން ވަނީ އެނގިފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހަމަ ނުޖެހުން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އަދިވެސް އެރަށުގެ ހެލްތު ސެންޓަރު ކައިރީގައި ބައެއް މީހުން ހަރަކާތްތެރިވަމުން ދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.