19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ ރަނގަޅީ ވިލިފުށީ ދާާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް މި ހިނގާ މަޖިލީހުގެ މެންބަރުންނާއި، މަޖިލިސް މެންބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އިންތިހާބީ މެންބަރުންނަށް ބޭއްވި ތަރާވީހަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅެއް ނޫން ކަމަށެވެ. ނަމަވެސް އަފީފްއާ އެކު މަޖިލީހުގައި މަސައްކަތްޕުޅު ކުރައްވާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް އެންމެ އެކަށީގެންވަނީ އަފީފު ކަމަށެވެ.

އަފީފަށް ތާއިދުކުރައްވާކަމަށް ރައީސް ވިދާޅުވެފައިވާ އިރު، މީގެ ކުރިން ވެސް ރައީސް އަފީފަށް ތާއިދުކުރައްވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ރައީސް އެކަން ކަށަވަރުކޮށްދެއްވާފައި ނުވެއެވެ. އަދި ހަމަ އެއާއެކު އަފީފް ވެސް އެކަމާއި ގުޅިގެން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ގެންނާނެ މީހަކު އެ ޕާޓީން ކަނޑައަޅާނެކަމަށް ވަނީ ބުނެފައެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ނެތްކަން ހާމަ ކުރައްވާ، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާކަން މީގެ ކުރިން ހާމަކުރައްވާފައެވެ.