ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއެކު މުޖުތަމައުން މިހާރު އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފެންނަމުންދާ އެއް ކަމަކީ ކުޑަ ކުދިންވެސް ރޯދައިގެ އަޅުކަން އަދާ ކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ. ރޯދަ ވާޖިބުވާ އުމުރަށް އަޅަންވާއިރަށް ރޯދަ ހިފަން ފަރިތަކުރާ މަންޒަރެވެ. މި އާދައަކީ ނެތެމުންދިޔަ އާދައެއް ނަމަވެސް، އަލުން މިކަން މިވަނީ އިޔާދަވާން ފަށާފައެވެ. މިއާއެކު، މަންމާ ފެންބޮވަނީއޭ ބުނެ ތުއްތު ތުއްތު އަޑަކުން ކުރާ ޝަކުވާގެ އަޑުތައްވެސް އިވެން ފަށެއެވެ. އެހެންކަމުން، މި ބަލާލަނީ ދަރިފުޅު ހައިޑްރޭޓްކުރުމުގެ ގޮތުން ދެވިދާނެ ބައެއް ކަހަލަ ބުއިންތަކަށެވެ.

އަނބުފަނި

އަނބު ފަންޏަކީ މޭ ހެޔޮކޮށްދޭ، ހަށިގަނޑަށް ތާޒާކަން ގެނެސްދޭ އެންމެ ހިތްގައިމު އެއް ބުއިން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ތާޒާ އަނބުން އަނބުފަނި ތައްޔާރުކުރާއިރު ހަކުރު ނާޅާ، ފިނިކޮށްގެން ދެވޭތޯ ބަލާށެވެ. އިތުރަށް ފޮނިކުރަން ބޭނުންނަމަ ކުޑަ ދިޔާ ހަކުރުކޮޅެއް ނުވަތަ އުއްދަނޑި ދިޔަކޮޅެއް އެއްކޮލާށެވެ. މިއީ ހަޖަމު ކުރުމުގެ ނިޒާމަށްވެސް ލުއިފަސޭހަކަން ގެނެސްދޭނެ ބުއިމެކެވެ. އަނބުފަނީގައި އެކުލެވޭ އަނބުން ވިޓަމިން ސީ ލިއްބައިދެއެވެ. އަދި ޖެގަރީ ފަދަ އެއްޗެއް މިއާއެކު ބޭނުންކޮށްފިނަމަ ދަގަނޑުބައިވެސް ލިއްބައިދެއެވެ.

ގިނަ އަދަދަކަށް ދޮން އަނބު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ޖޫސް ބުއިމަކީ ހަކަރުބަލީގެ މީހަކަށް އެދެވިގެންވާ ކަމެއް ނޫން/ފޮޓޯ: ބީބީސީ

ލުނބޯހުތު ފަނި

މިއީ އިތުރު ތަފްސީލަކަށް ބޭނުންވާނެ ބުއިމެއް ނޫނެވެ. ލުނބޯހުތު ފަންޏަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކެއްގެ އިތުރުން، ހަށިގަނޑަށް އިތުރު ތާޒާ ކަމެއް ގެނެސްދޭ ފިނި ބުއިމެކެވެ. ލުނބޯހުތު ފަނި ތައްޔާރުކުރާއިރު، މުގުރާފައި ހުރި ކުޑަކުކުޑަ ހަކުރު ކޮޅެއް އަޅާލުމަކުން މައްސަލައެއް ނެތެވެ.

ކިއުކަމްބާ ލުނބޯ ފެން

އެތެރެ ފެންނަ ޖަގަކަށް ނުވަތަ ފުޅިއަކަށް އަޅާފައި ހުންނައިރު މިއީ ބަލާލަންވެސް ހިތްގައިމު ގޮތެއް ހުންނަ ބުއިމެކެވެ. މޮޅެތި ގިރުންތަކެއް ނުގިރިކަމުގައި ވީ ނަމަވެސް، ދަރިފުޅު ބޯން ބޭނުންކުރާ ފެންފުޅީގެ ތެރެއަށް ކިއުކަމްބާއާއި ލުނބޯ ފޮތިތައް އަޅާފައި ބަހައްޓާށެވެ. ދެތިން ހަތަރު ކުދީނާ ފަތްކޮޅު މި ފެންފުޅިއަށް ލާށެވެ. އޭރުންވެސް އިތުރު ރަހައެއް ލާނެއެވެ. މިއީ ހަށިގަނޑާ ސިކުނޑިއަށްވެސް ހަމަޖެހުން ގެނެސްދޭނެ ބުއިމެކެވެ.

ލުނބޯ ފެން

ސްމޫތީޒް

ދަރިފުޅަށް ކިރުތައްޓެއް ދީ ހުސްކޮށްލުމަކީ ގިނަ މައިންބަފައިންނަށް މާ ފަސޭހަކަމެއް ނޫނެވެ. މިދަންނަވަނީ ފަހަރެއްގައިވެސް ޕެކެޓާ ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީކިރުގެ ވާހަކައެއް ނޫނެވެ. ފައިދާ ހުރި މާއްދަތަކުގެ މުއްސަނދިކަން ލިބިފައިވާ ރަނގަޅު ކިރުގެ ބާވަތެއް ބޭނުންކޮށްގެން ގޭގައި އަމިއްލައަށް ސްމޫތީއެއް ތައްޔާރުކޮށްލާށެވެ. ސްމޫތީޒް ހަދާއިރު ހަކުރާ އައިސްކްރިމް ފަދަ އުފެއްދުންތައް ބޭނުން ނުކުރާށެވެ. އޭގެ ބަދަލުގައި ހަގީގީ ޔޯގަޓާ ތާޒާ މޭވާ ބޭނުން ކުރުމަށް ސަމާލުކަން ދޭށެވެ.

މި ހުރިހާ ކަމެއްގެ އިތުރަށް، ދަރިފުޅުގެ ހަށިގަނޑަށް ބޭނުންވާ ފެނުގެ މާއްދާ އެންމެ ފުރިހަމަ ގޮތުގައި ދެވޭތޯ ބަލަންވާނެއެވެ. ދުވާލުގެ ވަގުތުތަކުގައި ރޯދައަށް ހުރުމަށްފަހު، އިރު އޮއްސޭ ވަގުތު އެއްފަހަރާ މާ ގިނައިން ފެން ބުއިމުގެ ބަދަލުގައި، ރޭގަނޑުގެ އެކި ވަގުތަކަށް ބަހާލައިގެން ދަރިފުޅަށް ފެނާއި ދިޔާ ތަކެތި ދިނުމުގައި މައިންބަފައިންގެ އެހީތެރިކަން ދަރިންނަށް އިންތިހާއަށް ބޭނުންވެއެވެ.