ޖަލުގައި ތިބޭ ގައިދީންގެ ވިސްނުމާ ފިކުރު ބަދަލްކުރުމަށް އެމީހުންނަކީ ފޮތްތެރި ބަޔަކަށް ހަދަން ޖެހޭ ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ.
މިނިސްޓާ އިމްރާން ވިދާޅުވީ ޖަލުތަކުގައި ތިބޭ ގައިދީންގެ ވިސްނުމާ ފިކުރު ބަދަލް ކުރުމަށް އެމީހުން ފޮތްތެރި ބަޔަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށާ، މިކަމަށްޓަކާ ޖަލުގެ ލައިބްރަރީ ގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ. އަދި މި ޕްރޮގްރާމަށް މުޅި މުޖްތަމައުގެ އެހީތެރިކަން ބޭނުންކަމަށާ ކޮންމެ ރައްޔިތަކުވެސް ވީވަރަކުން ޖަލުގެ ލައިބްރަރީ ތަކަށް ފޮތް ހަދިޔާ ކުރުމަށް މިނިސްޓާ އިމްރާން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މިނިސްޓާ އިމްރާން ވަނީ މިއަދު ޖަލުތަކަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފައްޓަވައި ދެއްވާފައެވެ. މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން އިމްރާން ވަނީ ޖަލުތަކުގެ ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރައްވާފައެވެ.
މިނިސްޓާ އިމްރާން ވިދާޅުވީ ޖަލުތަކުގައި ތިބޭ ގައިދީންގެ އިތުރުން ޖަލުތަކާއި ހަވާލުވެގެން ތިބޭ ފަރާތްތަކުގެ ވިސްނުމަށް ހެޔޮ ބަދަލެއް ގެނައުމަކީވެސް ވެސް މުހިންމު ކަމެއް ކަމަށެވެ. ވިސްނުމަށް ހެޔޮ ބަދަލާއި އިލްމު ލިބުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި މިނިސްޓާ ވިދާޅުވެފައި ވަނީ މިފަދަ ބަދަލެއް ގެނައުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ފޮތް ކިޔުން ކަމަށެވެ.
"ޖަލުގެ ގައިދީންނަށް ފޮތް ކިއުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމަކީ ޖަލަށް ހެޔޮ ބަދަލެއް ގެނައުމުގެ މުހިންމު ފިޔަވަޅެއް ކަމަށް އަޅުގަނޑު ދެކެން" މިނިސްޓާ އިމްރާން ވިދާޅުވިއެވެ.
ޖަލަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް އޮންނާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަކުގެ ނިޔަލަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.