ރާއްޖޭގެ 125 ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ހޯދަން މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާމަންޓުން އިއުލާންކޮށްފިއެވެ.

ޔޫތް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މަގާމުގެ ޝަރުތެއްގެ ގޮތުގައި ބަލާނީ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ފާހެއް ލިބިފައިވުން ކަމަށެވެ.

މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން މުޖުތަމުގައި ހިމެނޭ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭ ގޮތަށް (އިންކްލޫސިވް) އެކްޝަން ޕްލޭނެއް ރާއްވައި ކުރިއަށް ގެންދިއުމާއިއެކު، އެ މަސައްކަތް ބެލެހެއްޓުން ހިމެނެއެވެ.

މި މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި އަންނަ ޖޫން މަހު 10 ވާ ހޯމަ ދުވަހު 12:00 ގެ ކުރިން، ޔޫތް މިނިސްޓްރީއަށް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ނުވަތަ ރަށުކައުންސިލް އިދާރާ އަށް ހުށަހެޅުމަށް ޔޫތް މިނިސްޓްރީން ބުނެފައިވެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.