އާޓިފިޝަލް ބީޗް އަލުން ހެދުމުގެ މަޝްރޫއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެށްޓެވި މަޝްރޫއެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ޒަމާނަށް ފެތޭ ހިތް ފަސޭހަ މަންޒިލެއް ގޮތަށް ތަރައްގީ ކުރުމަށް ސޮއި ކޮށް އާޓިފިޝަލް ބީޗުގައި ހުރި ވިޔަފާރިތަކަށް ބަދަލުދީ، އެ ސަރަހައްދު ހުސް ކުރެވިފައިވާނެ ކަމަށެވެ.
މިދިޔަ އަހަރު މޭ 15 ގައި، އާޓިފިޝަލް ބީޗް އަލުން ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާއާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު ސޮއި ކުރި އެއްބަސްވުން ހިމަނުއްވައި މުއިއްޒު ޓްވީޓެއް ކުރެއްވިއެވެ. މި ޓްވީޓްގައި އޭނާ ވަނީ، އާޓިފިޝަލް ބީޗް އަލުން ހެދުމުގެ މަޝްރޫއު ނިންމާ، ރައްޔިތުންނަށް ހުޅުވާލުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މުއިއްޒު ވިދާޅުވީ އާޓިފިޝަލް ބީޗް އަލުން ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ ރައީސް ޔާމީންގެ ސަރުކާރުން އެކަން ފެށުމުން ކަމަށާއި، އެހެން ނޫންނަމަ އެކަންވެސް ކުރިއަށް ނުގެންދިޔައީސް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ކުރެހުން މި ސަރުކާރުން ބަދަލު ކުރިއަސް އެއީ ރައީސް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއެއް ކަމަށެވެ.
މިއަހަރު ރޯދަ މަހު ނިންމަން ބުނި އާޓިފިޝަލް ބީޗް ރޯދަ މަސް ދެބައިވެގެން ދިޔަ އިރުވެސް ނުނިމި ދިގުލާ މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް އެނގިފައިވަނީ އެތަން އެމްޓީސީސީއަށް ނުނިންމިގެން އުޅެނީ ހައުސިން މިނިސްޓަރީންނާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަތަކެއް ނުލިބިގެންނެވެ.