މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށްގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓުގެ ފައިސާ އެކުންފުނީގެ އިސްވެރިން ބޭނުންކުރި މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގުކުރަން ފަށައިފިއެވެ.
އޭސީސީން ބުނީ އެމްއައިޓީޑީސީން ކުރިއަށްގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓުން އެކިފަރާތްތަކަށް ދޫކުރި ވިޔަފާރީ ޔުނިޓުތައް ބައްލަވައިގެން ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާއިން އެކުންފުނީގެ އިސްފަރާތްތަކުން އުސޫލާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
އަދި މި މައްސަލަ މި ކޮމިޝަނުން މިހާތަނަށް ބެލިބެލުމުން ގިނަ ފަރާތްތަކަކުން އެ ޕްރޮޖެކްޓާއި ގުޅިގެން ޑިޕޮސިޓް ފައިސާ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) އާއި އެމްޓީޑީސީއަށް ދައްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކާ އަދި އެކަމާގުޅޭ ބައެއް މައުލޫމާތު ހޯދުމަށް ވެސް އޭސީސީން ވަނީ އެދިފައެވެ. އެގޮތުން ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް ނުވަތަ ކުންފުންޏެއްނަމަ ކުންފުނީގެ މައުލޫމާާތާއި، ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދާއި، ޑިޕޮސިޓް ފައިސާ ދެއްކި ތާރީހާއި، ޑިޕޮސިޓް ފައިސާދައްކާފައިވާ ގޮތް (ނަގުދު ފައިސާ / ޗެކް) އަދި ޑިޕޮސިޓް ފައިސާ ދެއްކިކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއްވާނަމަ އެ ލިޔެކިޔުމެއް ފޯރުކޮށްފިނުމަށް އޭސީސީން ވަނީ އެދިފައެވެ.
އޭސީސީން ބުނީ މި ޕްރޮޖެކްޓާ ގުޅިގެން އެމްއެމްޕީއާރުސީ ނުވަތަ އެމްޓީޑީސީއަށް އެއްވެސް ފަރާތަކުން ޑިޕޮސިޓް ފައިސާ ދައްކާފައިވާނަމަ އޭސީސީން އެދިފައިވާ މައުލޫމާތު ހިމެނޭގޮތަށް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ލިޔުމުން އަންގައިދިނުމަށް އެދިފައިވެއެވެ.
ބަރެސްދޫ ޕްރޮޖެކްޓަކީ އެމްއެމްޕީއާރުސީން އެކި ފަރާތްތަކަށް ދީގެން ގެސްޓް ހައުސް މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ޕްރޮޖެކްޓެކެވެ. ރާއްޖޭގައި މިހާރުއޮތް "ވަން އައިލެންޑް ވަން ރިޒޯޓް" ކޮންސެޕްޓާއި ތަފާތުކޮށް މުޅިން އަލަށް ރާއްޖޭގައި ތަރައްގީކުރާ "އިންޓަރގްރޭޓެޑް ޓުރިޒަމް" ކޮންސެޕްޓަށް ހިންގާ މި މަޝްރޫއު 18 މަސް ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް ކުރިން އެމްއައިޓީޑީސީން ބުނެފައިވެއެވެ.
އެމްއައިޓީޑީސީން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީން އޭރު ބަރެސްދޫއިން އެތައް ބަޔަކަށް ބިން ވިއްކާފައިވާ ކަމަށާއި، 19 ބަޔަކަށް ބިން ވިއްކާފައިވާއިރު އެތައް މިލިއަން ރުފިޔާއެއް އެމްއެމްޕީއާރްސީން ބިން ވިއްކައިގެން ހޯދާފައިވާ ކަމަށެވެ. އަދި ބަރެސްދޫއިން ބިއް ވިއްކައިގެން 34.6 މިލިއަން ރުފިޔާ އެމްއެމްޕީއާރްސީން ނަގާފައިވާ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ. އެމްއައިޓީޑީސީއަކީ ފަހުން މި ޕްރޮޖެކްޓް ހިންގަން ހަވާލުވި ކުންފުންޏެވެ. އޭގެ ކުރިން މި ޕްރޮޖެކްޓާއި ހަވާލުވީ އެމްއެމްޕީއާރުސީންނެވެ.
ބަރެސްދޫ މަޝްރޫއަށް ކޮންޓްރެކްޓް އުސޫލުން ބޭރުންނާއި މަޝްރޫއުއާއި އެއްވެސް ގުޅުމެއް ނެތް ކަންކަމަށްވެސް ފައިސާ ހޭދަކޮށްފައިވާ ކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ. އެގޮތުން ސީނިއަ މެނޭޖުމަންޓުން ފެއާތަކަށް ދާން ދެ މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަގްރޭޑެޓް ޓޫރިޒަމް ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ އަދި ޕްރޮޖެކްޓް ޕާމްގެ ނަމުގައި 3.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.
އެމްއައިޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރު ރާއިދު ވިދާޅުވީ، މި ސަރުކާރުން ކުންފުންޏާއި ހަވާލުވިއިރު ކުންފުނިއޮތީ 25 މިލިއަން ރުފިޔާ އިން ދަރާފައި ކަމަށެވެ. ނަމަވެސް ބަރެސްދޫ ޕްރޮޖެކްޓް ހުއްޓާލުމަށް ނުވިސްނާކަމަށް އޭނާ ވިދާޅުވިއެވެ.
ބަރެސްދޫ ޕްރޮޖެކްޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިންވެސްޓް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ހިންގަވާ ގެސްޓް ހައުސްތަކަށް ހާއްސަ ރަށްރަށް ތަރައްގީ ކުރެއްވުމުގެ ނަމުގައި އިފްތިތާހް ކުރި މަޝްރޫއުއެކެވެ.
ކުރިން މި މަޝްރޫއަށް ކިޔާފައި ވަނީ "ތުނބުރި" މަޝްރޫއެވެ. ނަމަވެސް ފަހުން މި ޕްރޮޖެކްޓު ހިންގުން ލ.އަތޮޅު ބަރެސްދޫއަށް ބަދަލުކޮށް "ބަރެސްދޫ" ޕްރޮޖެކްޓްގެ ނަމަށް ބަދަލުކުރިއެވެ. އެމްއެމްޕީއާރްސީން މީގެކުރިން ކުރިއަށް ގެންދިޔަ މި މަޝްރޫޢު ލ. ބަރެސްދޫއަށް ބަދަލުކުރީ އެރަށް ބޮޑު ކަމުން ކަމަށް އެމްއެމްޕީއާރްސީން މީގެކުރިން ވަނީ ބުނެފައެވެ.