ފަރަންސޭސިވިލާތުގެ މަޝްހޫރު ބިނާ އައިފިލް ޓަވަރުގެ ބޭރަށް މީހަކު އަރަމުންދާތަން ފެނިގެން އެ ޓަވަރާ، އެ ޓަވަރު ހިމެނޭ ސަރަހައްދުގައި ހުރި ތަންތަނުން ވަގުތީ ގޮތުން މީހުން ހުސްކޮށްފިއެވެ.

އައިފިލް ޓަވަރުގެ ބޭރަށް ގަވާއިދާ ހިލާފަށް މީހަކު އަރާތަން ފެނިއްޖެނަމަ މިއީ އަމަލު ކުރަން އޮންނަ އުސޫލުކަމަށް ފަރަންސޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މައްސަލައިގެ އެންމެ ފުނަށް ދެވި، ހައްލު ހޯދެން ދެން ޓަވަރު ބަންދުކޮށް، އެ ސަރަހައްދަށް މީހުން އެއް ނުވުމަށްވެސް ފަރަންސޭސިވިލާތުގެ ފުލުހުން ވަނީ ގޮވާލާފައެވެ.

އައިފިލް ޓަވަރު ވަގުތީ ގޮތުން ބަންދު ކުރުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެ ސަރަހައްދުގައި ތިބި ގިނަ ފަތުރުވެރިންނަކީ ކުޑަ ދުވަސްކޮޅަކަށް ފަރަންސޭސިވިލާތުގައި މަޑުކޮށްލާ ބަޔަކަށްވެފައި، އައިފިލް ޓަވަރު ސަރަހައްދުން ދުރަށްދާންޖެހުމުން ދަތުރުގެ ޕްލޭނަށް ބޮޑު ހުރަހެއް އެޅިގެން ދިޔަކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އައިފިލް ޓަވަރުގެ ބޭރަށް އަރަމުން ދިޔައީ ކަޅުކުލައިގެ ޖެކެޓެއް ލައިގެން ހުރި މީހެކެވެ. އެމީހާ ހުއްޓުވުމަށް ފަރަންސޭސިވިލާތުގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން މަސައްކަތްކޮށް،ފުލުހުން ވަނީ އޭނާއާއި ސުވާލުކޮށްފައެވެ. ކަމާ ބެހޭ ފަރާތްތަކަށް އޭނާ ހުއްޓުވުނީ 3 ވަނަ ފަންގިފިލާއާއި ހިސާބުގައި ހުއްޓައެވެ. އެމީހަކު މިކަން ކުރީ ކީއްވެކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މިއީ ދުނިޔޭގެ އެންމެ މަޝްހޫރު ބިނާތަކުގެ ތެރެއިން ބިނާއަކަށްވާއިރު، އުސް ތަންތަނަށް އަރާ ހިތްވާ މީހުން އެކި ކަހަކަ ރެކޯޑާ ޝަރަފު ހޯދުމުގެ ނަމުގައި މި އިމާރާތަށް އެރުމަށް ތަކުރާރުކޮށް މަސައްކަތް ކުރެއެވެ. މީގެ އިތުރުން، މި އިމާރާތުގެ ބޭރުން، އިމާރާތުގެ މައްޗަށް އަރާ، ފުންމާލައިގެން އަމިއްލައަށް މަރުވާ މަސައްކަތްކުރަން އުޅޭ މީހުންވެސް މަދެއް ނޫނެވެ.