އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއްކަމަށާއި، ކުރިއަށް އޮތްތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހީވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްެޖެއެވެ.

ރައީސް މިހެން ވިދާޅުވީ އޮސްޓްރޭލިޔާގެ ފެޑެރަލް އިލެކްޝަން ކާމިޔާބުކުރެއްވުމާއި ގުޅިގެން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ. ރައީސް ވިދާޅުވީ އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއްކަމަށާއި، އޮސްޓްރޭލިޔާގެ އާ ސަރުކާރާއެކު ރާއްޖޭގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށާއި އޮސްޓްރޭލިއަން ލިބާޓީ ޕާޓީއަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި، އޮސްޓްރޭލިޔާގެ ވަރުގަދަ ޑިމޮކްރަސީގެ ސަގާފަތް އެގޮތުގައި ދެމެހެއްޓުމުގައި ރައްޔިތުން ބޭނުންވާ ގޮތް ނިންމަވައިފި ކަމަށާއި، މި ކާމިޔާބީގެ ފަހަތުގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ގެ ވެރިކަން ހިންގެވުމުގެ ގާބިލުކަން ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.