ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް އީރާނާ ވެނެޒުއޭލާއިން ސަޕްލައި ކުރަމުންދާ ތެލުގެ މިންވަރު ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ދުނިޔޭގެ ތެލުގެ ސަޕްލައިގައި އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ނެތް ކަމަށާއި، ބޭނުންވާ މިންވަރަށް މިހާރުވެސް ތެޔޮ އުފެއްދެމުންދާ ކަމަށް ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބާޒާރަށް ސާފު ނުކުރާ ތެޔޮ ސަޕްލައި ކުރަމުންދާ ބޮޑެތި ގައުމުތަކާއެކު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ މަޝްވަރާތަކެއްގެ ކުރިން، ސައުދީގެ އެނާޖީ މިނިސްޓާ ޚާލިދު އަލް ފާލިހު ވިދާޅުވީ، ބައިނަލްއަގުވާމީ ތެލުގެ ބާޒާރު އޮތީ ނާޒުކު ފައްތަރެއްގައި ނަމަވެސް، އިންވެންޓްރީ ދައްކާ ގޮތުން ތެލުގެ ސަޕްލައި އިތުރުވަމުންދާ ކަމަށެވެ.

ކަންމިހެން އޮތްއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައި އިންތިހާއަށް އިތުރުވެ، މިދިޔަ އަހަރުގެ ފަހުކޮޅު އަގުތައް އިންތިހާއަށް އަށް ދަށަށް ދިޔަ ފަދަ ކަމެއް ތަކުރާރުވުމަށް ތެލުގެ ސަޕްލައި ވިޔަފާރީގައި ހަރަކާތްތެރިވާ ގައުމުތަކުން ނޭދޭކަމަށްވެސް ފާލިހު ވަނީ ފާހަގަކުރައްވާފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ހަރުކަށިފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެމެރިކާއިންވަނީ ގިނަ ގައުމުތަކަކުން އީރާނުން ތެޔޮ ގަތުން މުޅިން ހުއްޓާލުމަށް އޯޑަރުދީފައެވެ. އެމެރިކާއިން މިކަން ކުރަނީ އީރާނުގެ އިގުތިސޯދީ ލޭނާރު ކަމުގައިވާ ތެލުގެ ވިޔަފާރިއަށް ހުރަސް އަޅާ، އެގައުމަށް ލިބޭ އާމްދަނީ ހުއްޓުވާލުމުގެ މަގުސަދުގައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނަށް ލިބޭ ފައިސާ އެގައުމުން ޚަރަދުކުރަނީ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމަށެވެ. ނަމަވެސް އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ގުޅުންހުރި ކަންކަން ހިނގަމުންދަނީ ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކަމަށް އެޓޮމިކް ހަކަތައާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައި.އޭ.އީ.އޭއިން ވަނީ ބުނެފައެވެ.

އީރާނުން ކޮންޓްރޯލް ކުރަމުންދާ ސްޓްރެއިޓް އޮފް ހޮރުމޫޒް ނުވަތަ ހޮރުމޫޒް ކަނޑުއޮޅިއަށް އެގައުމުން ހުރަސް އަޅައިފިނަމަ ބައިނަލައަގުވާމީ ތެލުގެ ބާޒާރުގެ އަގުތަކަށް ކޮންމެވެސް ވަރެއްގެ ލޮޅުންތަކެއް އަރާނެ ކަމަށް ލަފާކުރެވެއެވެ.