ސަރަހައްދީ ފެންވަރުގައި ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށާއި، އެ ގައުމުގެ ތެލުގެ އެސެޓުތަކަކަށް އަމާޒުކޮށް ހުސްވި ހަފުތާގައި ދިން ހަމަލާތަކާއެކު ރައްދު ހަމަލާ ދިނުމަށް އެގައުމުން އޮތީ ފުރިހަމަ ބާރާ އަޒުމާއެކު ތައްޔާރީ ހާލަތުގައި ކަމަށް ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސައުދީއިން ތެޔޮ ޕަމްޕް ކުރާ 2 ސްޓޭޝަނަކަށް އަމާޒުކޮށް މިދިޔަ އަންގާރަ ދުވަހު ދިން ޑްރޯން ހަމަލާތަކަކީ އީރާނުގެ އޯޑަރަކަށް ދިން ހަމަލާތަކެއް ކަމަށް ސައުދީއިން ތުހުމަތުކުރެއެވެ. މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ، ޔަމަނުގައި ހަނގުރާމަކުރަމުންދާ ހޫތީންނެވެ. މި ހަމަލާތައް ދީފައި ވަނީ، އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ އައްސޭރިފަށުގެ ބޭރުން ކަނޑުމަތީގައި އޮތް 4 ތެޔޮ ޓޭންކަރަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދިންތާ 2 ދުވަހެއް ފަހުންނެވެ. އެ 4 ޓޭންކަރުގެ ތެރެއިން 2 ޓޭންކަރަކީ ސައުދީގެ ޓޭންކަރުތަކެކެވެ.

އީރާނުން ވަނީ މި ހަމަލާތަކަށް އިންކާރު ކޮށްފައެވެ. މި ހަމަލާތަކުގެ ތަހުގީގުތައް އަދިވެސް ކުރިއަށްދިއުމާއެކު ޔޫ.އޭ.އީއިން ވަކި ބައެއްގެ ބޮލުގައި އިލްޒާމް އަޅުވާފައެއްވެސް ނުވެއެވެ.

ހަނގުރާމައަކަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާ ސައުދީގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އާދިލް އަލް ޖުބައިރު ވިދާޅުވީ، ހަނގުރާމައެއް ކުރަން ސައުދީއިން ބޭނުން ނުވާކަމަށާ، ނަމަވެސް ދުޝްމަނުން ޚިޔާރު ކުރަނީ ހަނގުރާމަ ކަމުގައި ވަނީނަމަ ސައުދީއިންވެސް ބާރާއި އަޒުމާއެކު ރައްދު ހަމަލާ ދޭނެ ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޖުބައިރު ވަނީ، މިހާރު ބޯޅަ އޮތީ ކޯޓުގެ އީރާނާ ވީ ފަޅީގައި ކަމަށްވެސް އިޝާރާތް ކުރައްވާފައެވެ.

އެމެރިކާއިންވެސް ދަނީ މެދުއިރުމަތީ އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައި އެގައުމުގެ އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ.

ކަންމިހެންއޮތްއިރު އީރާނުންވަނީ ހަނގުރާމައަކަށް އެގައުމުން ބޭނުން ނުވާކަމަށްވެސް ބުނެފައެވެ. އަދި އީރާނަކީ ހަނގުރާމައަކީ ޖެހިލުންވެ ބިރުގަންނާނެ ގައުމެއް ނޫންކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.