ބަރަކާތްތެރި ރަމަޟާން މަހުގެ މެދަކާ ހިސާބަށް އާދެވިފައިވާއިރު، މިއަހަރުގެ ރަމަޟާން މަހަކީވެސް އާދަޔާ ހިލާފު ގިނަ މަންޒަރުތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ މަހެކެވެ. މި ބަރަކާތްތެރި މައްސަރުގެ ހެޔޮ ދަރުމައާއި ސަވާބު ވީ އެންމެ ގިނައެއްކޮށް ހޯދުމަށް މަސައްކަތް ނުކުރާ ގިންތިއަކާ ފަންތިއެއްވެސް ނެތެވެ. މިކަމުގެ އެއް ހެކި، އެކުވެރި އަރަބި އިމާރާތުގެ މަގުތަކަށް ބަލާލުމުން އެހުރީ ފެންނާށެވެ.

އެކުވެރި އަރަބި އިމާރާތް ނުވަތަ ޔޫ.އޭ.އީގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވީ ނަމަވެސް ރަމަޟާން މަހު ރޯދަ ވީއްލާނެ އިންތިޒާމުތަކާއި، ހާރު ކާނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޓެންޓުތައް ފެންނަން ހުރެއެވެ. މިތަންތަނުގައި ހިލޭ ސާބަހަށް މަސައްކަތްކުރަމުންދާ އެތައް ސަތޭކަ ބަޔަކު ތިބިއިރު، އޭގެ ތެރޭގައި ޝާހީ އާއިލާގެ މެމްބަރުންވެސް ހިމެނެއެވެ.

މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަށް ބަލާއިރު، ރޯދަ ވީއްލާ ގަޑި ޖެހެންވާއިރަށް ބާރު ދުވެލީގައި ދުއްވާ އުޅަނދު ފަހަރު މަޑުކުރުވާ، އެ މީހުންނަށް ރޯދަ ވީއްލާތަކެތި ފޯރުކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާތީ ފެނިގެންދަނީ އަޖްމަން ޝާހީ އާއިލާގެ މެމްބަރުންނެވެ. މީގެ ތެރޭގައި އަޖްމަންގެ ވެރިޔާ އަދި ސުޕްރީމް ކައުންސިލްގެ މެމްބަރު – އިއްޒަތްތެރި ޝައިހު ހުމައިދު ބިން ރާޝިދު އަލް ނުއައިމީވެސް ހިމެނިވަޑައިގަންނަވާތީ ފެނެއެވެ.

މަންޒަރު އަނެއް ކޮޅުންވެސް ފެނެއެވެ. މަޣުރިބު ބަންގީގެ ވަގުތު ވީ އިރުވެސް ގެއަށް ވަޑައި ނުގެންނެވުނު އެކަކަށްވީ ޔޫއޭއީގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަޚުތޫމުގެ ދަރިކަލުން ޝައިހު އަޙުމަދު ބިން މުޙައްމަދު ބިން ރާޝިދު އަލް މަޚުތޫމްއެވެ. ދާދިފަހުން ޒަވާޖީ ހަޔާތްޕުޅު ފެއްޓެވި އަމީރަށް ގަނޑުވަރަށް ވަޑައިނުގެންނެވީސްވެ މަޣުރިބުވަގުތު ވުމުން، މަގުތައް މަތީގައި ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވަމުންދިޔަ ވޮލަންޓިއަރުންގެ އެހީ ހޯއްދެވި މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.