އައްޑޫސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވީ މީހާގެ ހާލު ސީރިއަސް ކަމަށް އައްޑޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އަނިޔާވެގެން ފަރުވާދެމުންދަނީ 25 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 2:15 ހާއިރު ކަމަށާ އެކްސިޑެންޓުގައި ގެއްލުން ލިބިފައި ވަނީ އޭނާގެ މޫނަށާއި ތުންފަތަށް ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް ހޭ އަރައިފައި ނުވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އޭނާގެ ބޮލުގެ ނާޑިގަނޑަށް އަނިޔާވެފައި ވާކަމަށް ޑޮކްޓަރުން ލަފާ ކުރާ ކަމަށާ ނަމަވެސް އެ ހޮސްޕިޓަލުން ސީޓީ ސްކޭން ހެދެން ނެތުމުގެ ސަބަބުން ބޮލަށް ވެފައިވާ އަނިޔާތައް ދެނެގަނެވެން ނެތް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެހެން ކަމުން ވީ އެންމެ އަވަހަކަށް އޭނާ މާލެ ގެންދިޔުމުގެ މަސަތްކަތް ކުރަމުން ދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެންމެ އަވަހަށް މާލެ ފޮނުވެން އޮތީ ހެލިކޮޕްޓަރުގައި ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމުން ހެލިކޮޕްޓަރުގައި މާލެ ގެންދެވެން ނެތް ކަމަށާ ޗާޓާ ފްލައިޓެއްގައި މާލެ ފޮނުވުމުގެ މަސަތަކަތް ކުރަމުން ދާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާ އިތުރު މީހަކަށް މި އެކްސިޑެންޓުގައި އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިގެން ފަރުވާ ދީފައި ނުވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.