ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި ދުނިޔެއަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވަނީ ކީއްވެގެން ވިސްނައި ނުގަނެވޭކަމަށް، ކައިވެނީގެ ގޮތުން ޚަޝޯގީއާއި ގުޅުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ ތުރުކީވިލާތުގެ ޚަދީޖާ ޖެންގީޒް ބުނެފިއެވެ.

ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ތަރުޖަމާނުންގެ އެހީގައި ވާހަކަދައްކަމުން ޚަދީޖާ ބުނީ ޚަޝޯގީގެ މަރާ ގުޅިގެން ކަންހިނގަމުންދާ ގޮތާ މެދު އިންސާނެއްގެ ނަޒަރުން ވިސްނާލުމުންވެސް ފަހުމުވާ ކަމެއް ނެތްކަމަށެވެ. މިމައްސަލަ ބަލާ، ހައްލެއް ހޯއްދަވާދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް މީގެ ކުރިން ވިދާޅުވި ކަމަށާ، ޚަޝޯގީގެ މަރާލުމަށް ހިންގި އަމަލަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ ނޭންސީ ޕެލޯސީވެސް ވިދާޅުވި ކަމަށާ، ނަމަވެސް ޚަޝޯގީގެ މަރަށް އެތައް މަހެއް ވެގެންދިޔައިރުވެސް އެއިން ބޭފުޅަކަށް ކޮށްދެވުނު ކަމެއް ނެތްކަމަށް ޚަދީޖާ ވަނީ ބުނެފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީއާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ނެރުމަށް ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޚަދީޖާ ޖެންގީޒް ރޮނީ / ފޮޓޯ: ރޮއިޓާޒް

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި ޚަޝޯގީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ސައުދީގެ ސަރުކާރާ ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ޚަޝޯގީ މަރާލިއުރުވެސް އޭނާ ދިޔައީ ކޮލަމިސްޓެއްގެ ގޮތުގައި ވޮޝިންގްޓަން ޕޯސްޓުގައި މަސައްކަތްކުރަމުންނެވެ. ތުރުކިވިލާތުގައި ހުންނަ ސައުދީގެ އެމްބަސީއަށް ޚަޝޯގީ ދިޔައީ ޚަދީޖާއާއި ކައިވެނި ކުރުމަށް ނިންމަންޖެހޭ ރަސްމީ ލިޔެކިއުންތަކެއްގެ ކަންކަން ހަމަޖެއްސުމަށެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް މަރާލާފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ/ފޮޓޯ: ގެޓީއިމޭޖަޒް

15 މެމްބަރުންގެ މައްޗަށް އެކުލެވޭ ޑެތް ސްކޮޑަކުން ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެންނެވެ. އެކަމަށް ސައުދީ އަރަބިއްޔާއިން އިއުތިރާފުވެއެވެ. އަދި ޚަޝޯގީގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށް، ސައުދީގައި އެމީހުންގެ މައްޗަށް ތަހުގީގު ހިންގާ ސަރިޔަތް ކުރެވެމުންދާކަމަށްވެސް ސައުދީއިން ބުނެއެވެ. ނަމަވެސް އަދާ ޖެހެންދެކަށްވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޚަޝޯގީ މަރާލުމަށް އޯޑަރު ދީފައިވަނީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއި ހިސާބުން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ހޯދުންތަކުންނާ އަދިވެސް އެހެން ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އެކަމަށް ސައުދީއިން ވަނީ ދެކޮޅު ހަދާފައެވެ. އަދި އެމެރިކާގެ ރިޔާސަތުންވެސް މިކަމާ މާ ބޮޑު ކަމެއް ކުރީތީ ފެނިފައެއް ނުވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން އިންސާނީ ހައްގުތަކާ ގުޅުންހުރި ޚަބަރުތައް ކަވަރުކުރަމުންދާ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ބައިވެރިވުމަށްފަހު ވާހަކަ ދައްކަމުން ޚަދީޖާ ބުނީ، ކައިވެންޏަށް ހުރިހާ ކަމެއް ހަމަޖެހުނު ވާހަކަ ޚަޝޯގީގެ އަޑުން ބުނެލާ އަޑު އަހަން ކެތްމަދުވެފައި ހުއްޓާ އެ އުފާވެރިކަން އުމުރަށް ގެއްލިގެން ގޮސްފައިވާކަމަށެވެ. ޚަދީޖާ ވަނީ ޚަޝޯގީއާއިއެކު ސައުދީ ކޮންސިއުލޭޓް ކައިރިއަށް ގޮސް އެތަނުގައި މަޑުވެސްކޮށްފައެވެ. ޚަޝޯގީ އެތެރެއަށް ވަތް ގޮތަށް ނުނިކުމެ ލަސްވެގެން، ތުރުކީވިލާތުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައީވެސް ޚަދީޖާއެވެ.

އަދާ ޖެހެންދެކަށްވެސް ޚަޝޯގީގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއްވެސް ފެނިފައެއް ނުވެއެވެ.

ޚަޝޯގީގާއި ޚަދީޖާ ދިމާވީ 2018 ވަނަ އަހަރު ކުރިއަށް ދިޔަ ކޮންފަރެންސްއެއްގެ ތެރެއިންނެވެ. ދެމީހުންގެ ލޯބީގެ ގުޅުން ފެށުނީ އެހާ ހިސާބުންނެވެ.