ޑެންމާކަށް ނިސްބަތްވާ އެނާސް ހޮލްކް ޕްވްލްސިންއަކީ ސޮކްޓްލަންޑްގައި އެފަދަ ދެވަނައެއް ނެތް ބިންވެރިއެކެވެ. އޭނާގެ މިލްކިއްޔާތުގައި، ސްކޮޓްލަންޑްގެ އެންމެ ފެންވަރު މަތީ ސަރަހައްދުތަކުން 220000 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން އެބައޮތެވެ. ވިޔަފާރިއަށް ބަލާއިރު ޕްވްލްސިންއަކީ މަހުޖަނެކެވެ. ބިލިއަނަރެކެވެ. އޭނާއަކީ އަންނައުނު އުފައްދާ "އޭޒޯސް" ކުންފުނީގެ ވަކިވަކި ހިއްސާ އެންމެ ގިނަ އަދަދަކަށް ކޮންޓްރޯލް ކުރަމުންދާ މީހާއެވެ. ހަމަ އެހެންމެ ބައިނަލްއަގުވާމީ ފޭރާން ބްރޭންޑް "ބެސްޓްސެލާ" މަރުކާގެ އޯނަރުވެސްމެއެވެ.

ފައިސާއާއި ތަނަވަސްކަމާ ދިރިއުޅުމުގެ ފެންވަރަށް ބަލާއިރު ޕްވްލްސިންގެ ދެމަފިރިންގެ އަތުގައި ނެތް އެއްޗެއް ނެތެވެ. ނަމަވެސް އެއީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހާ ޖެހެންދެކަށެވެ. އެދުވަހަކީ، ދެން ދުވަހަކުވެސް އެ ނިއުމަތް އަނބުރާ ނުހޯދޭނެ އެންމެ އަގުބޮޑު 3 ޖަވާހިރު އޭނާގެ އަތުން ބީވެގެން ދިޔަ ދުވަހެވެ. އެއީ އަވަށްޓެރި ސްރީލަންކާގައި ޓެރަރިސްޓް ހަމަލާތަކެއްދީ 250 އަށްވުރެ ގިނަ މީހުންގެ ފުރާނަ ދުއްވާލި ނަމާން ދުވަހެވެ. އެ ހަމަލާތަކުގައި މަރުވެދިޔަ 250 މީހުންގެ ތެރޭގައި ޕްވްލްސިންގެ 4 ދަރިންގެ ތެރެއިން 3 ދަރިން ހިމެނެއެވެ.

ޑެންމާކަށް ނިސްބަތްވާ އެންމެ މުއްސަނދި ބިލިއަނަރު އެނާސް ހޮލްކް ޕްވްލްސިން/ފޮޓޯ: ފޯބްޒް

ޕްވްލްސިންގެ އާއިލާއިން ޗުއްޓީ ހޭދަކުރަމުންދިޔަ ޝަންގްރިއްލާ ހޮޓަލަށް އަމާޒުވި ބޮމުގެ ހަމަލާގައި، އުމުރުން 15 އަހަރުގެ އެލްމާގެ އިތުރުން 12 އަހަރުގެ އެގްނެސްއާއި އުމުރުން އެންމެ 5 އަހަރުގެ އެލްފްރެޑްގެ ފުރާނަ މި ދުނިޔެއާއި އަބަދުގެ އަބަދަށް ވަކިކޮށްލިއެވެ.

ޕްވްލްސިންގެ ދެމަފިރިން މިހާރު މި ވަނީ މި ހަމަލާތަކާ ގުޅިގެން އެމީހުންނަށް ލިބުނު ހިތާމާގައި ބައިވެރިވި ހުރިހާ އެންމެނަށް ޝުކުރު އަދާކޮށް ހާއްސަ ބަޔާނެއް އާންމުކޮށްފައެވެ. ޕްވްލްސިންގެ ދެމަފިރިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ކޮންމެ މީހަކު ފޮނުވާލި ކޮންމެ މެސެޖަކީ އަދި ހަމްދަރުދީގެ ގޮތުން ބުނެލި ކޮންމެ ބަހަކީވެސް އެމީހުންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވި ބަސްތަކެއް ކަމަށާ، ހިތުގެ އެންމެ ފުން ލޯތްބާއެކު އެމީހުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ލިބެމުންދިޔަ ހިތްވަރާއި މެދުކެނޑުމެއްނެތް ލޯތްބަށްޓަކައިވެސް އިންތިހާއަށް ޝުކުރުވެރިވާކަން ޕްވްލްސިންގެ ދެމަފިރިން ވަނީ ފާހަގަކޮށްފައެވެ.

ޕްވްލްސިންގެ ދެމަފިރިން ވަނީ ލަންކާގެ ބޮމުގެ ހަމަލާތަކުގައި އާއިލާގެ މެމްބަރުން މަރުވެދިޔަ މީހުންނަށް ތައުޒިޔާ ކިއާފައެވެ. އަދި މި ހަމަލާގައި އެމީހުންގެ ދަރިފުޅު އެސްޓްރިޑް ސަލާމަތްވިކަމަށްޓަކައި ޝުކުރުވެރިވާކަންވެސް ޕްވްލްސިންގެ ދެމަފިރިން ވަނީ ފާހަގަކޮށްފައެވެ.

އަތުގައި ކިތަންމެ ފައިސާއަކާ މުދަލެއް ހުރި ކަމުގައި ވީ ނަމަވެސް، މިއަދު ޕްވްލްސިންގެ ދެމަފިރިންގެ ހިތުގައި އުފެދިފައިވާ ބާގަނޑު ފޫބައްދާލަ ދެވޭނެ އެންމެ އިތުރު އެއްޗެއް އެމީހުންގެ އަތަކު ނެތެވެ. އެންމެ ނިކަމެތި މީހާ ފަދައިން ޕްވްލްސިންގެ ދެމަފިރިންގެ އަތުގައިވެސް މިއަދު އޮތީ އެކުދިންގެ ފޮނި ހަނދާންތަކެކެވެ.