އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަނީ އެ ގައުމުގެ 3 ސިޓީއަކުން ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އިންޑިއާގެ ނުހެއްކަމަށްވާ "ދަ ހިންދޫ" ނޫހުން ބުނެފައި ވަނީ އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ 3 ސިޓީއަކީ ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ޓްރިވެންޑްރަމާއި، ކޮޗިން އަދި ސޫތުކުޅިން ކަމަށެވެ.

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ އުނދަގޫ ކަމެއްކަމުން، މަސްތުވާތަކެތި އެތެރެ ކުރަނީ ކަނޑުމަގުންނެވެ. އަދި މި ސިޓީތަކުން މަސްތުވާތަކެތި އެތެރެ ކުރަނީ މި ސިޓީތަކުގެ ސީ ޕޯޓުތަކުން ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މި ނޫހުން ވަނީ ބުނެފައެވެ.

ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރާ ބައެއް ބޯޓުތައް ރާއްޖޭގެ ދިފާއީ ބާރުތަކުން ވަނީ އަތުލައިގެންފައެވެ. އެގޮތުން ފުލުހުންނާއި އެމްއެންޑީއެފުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 7 ވަނަ ދުވަހު ވެސް ވަނީ ބ އަތޮޅާ 168 މޭލު ބޭރުން އެ ސަރަހައްދަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެ ކުރާކަމަށް މައުލޫމާތު ލިބޭ ބޯޓެއް އަތުލައިގަނެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފައެވެ.