ލަންކާގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިއަދު މުސްލިމަކު މަރާލައިފިއެވެ. އޭއެފްޕީ އާއި ހަވާލާދީ ޗެނަލް ނިއުސް އޭޝިއާއިން ބުނީ މަރާލާފައި ވަނީ އުމުރުން 45 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ މަރާލީ ތޫނު ހަތިޔާރާ ލަޓިބުރި ފަދަ ތަކެތި ހިފައިގެން ހަމަނުޖެހުން ހިންގުމަށް ނުކުމެ އުޅޭ ބައެއް ކަމަށެވެ.
ފުލުހުންނާ ހަވާލާދީ ހަބަރުފަތުރާ އިދާރާތަކުން ބުނީ މިހާރުވެސް ކޮލަންބޯގެ އުތުރުގެ ތިން ރަށެއްގައި ހަމަނުޖެހުންތައް ހިނގަމުން ދާ ކަމަށެވެ. ހަމަނުޖެހުން ހިންގުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާ ކަމަށާ އެމީހުން ދަނީ މުސްލިމުންގެ ވިޔަފާރި ތަކާ، އުޅަނދުތަކުގައި އަލިފާން ޖަހާ އަންދަމުންނެވެ. އަދި މުސްލިމުން ދިރިއުޅޭ ގޭގެއަށް ވެސް އެކިވަރުގެ ގެއްލުން ދެމުން ދާކަމަށް ހަބަރުތައް ބުނެއެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ލަންކާގައި މިރޭ އޮތީ ކާފިއު ހިންގާފައެވެ. ލަންކާގެ ޕޮލިސް ޗީފް ވިދާޅުވެފައި ވަނީ ހަމަނުޖެހުން ހިންގާ ފަރާތްތައް ކޮންޓްރޯލް ކުރެއްވުމަށްޓަކައި ބާރުގެ ބޭނުން ކުރައްވަން ޖެހިވަޑައިގެންފިނަމަ އެކަން ކުރައްވާނެ ކަމަށެވެ.
ނަސްލީ ހަމަނުޖެހުމަކާ ދިމާއަށް ލަންކާ މިދިޔައީ މިދިޔަ މަހު ލައްކާގެ ބައެއް ވިޔަފާރި ހޮޓާތަކަށާ ކްރިސްޓިއަނުން އަޅުކަން ކުރާ ބައެއް ތަންތަނަށް އަމާޒުކޮށް އައިސިސް ޖަމާއަތަށް ނިސްބަތްވާ ބަޔަކު ދިން ޓެރަރިސްޓް ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރާލުމާ ގުޅިގެންނެވެ.