މި ސަރުކާރުން ތަރައްގީގެ ނަމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ގާފުރޮޅާ ތަންތަން ސުންނާފަތިކޮށް ނުހަދާނެ ކަމަށާއި، ބާރު ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ފެށިގެންދާނެ ކަަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާރިހު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަލީ ޒާހިރު މިގޮތަށް ވިދާޅުވެފައި ވަނީ ސަރުކާރަށް އެތައް ދުވަސްވެފައިވާ އިރު، އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާކަމަށް ބުނެ އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ފާޑުކިޔާފައި ވަނިކޮށެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ ނަމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ގާފުރޮޅާ ތަންތަން ސުންނާފަތިކޮށް ނުހައްދަވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ވިސްނުންތެރިކަމާއެކު މަޝްރޫއުތައް ކުރިއަށް ގެންދަވާނީ އެތައް އަހަރަކަށް ޕްލޭން ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ދާދި އަވަހަށް ބާރު ސްޕީޑުގައި ހިނގްނަ ފަށާ މަންޒަރު ފެންނާނެ" އަލީ ޒާހިރު ވިދާޅުވިއެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި ޕީއެންސީން ވަނީ ސަރުކާރަށް ހަ މަސްވެފައިވާ އިރު، ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކޮށް ސަރުކާރުގެ އިސްފަރާތްތަކުން ބޮޑެތި އަދަދުތަކުން އެކި ކަންކަމަށް ހަރަދުކުރާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފައެވެ. އަދި ސަރުކާރުގައި ތިބި އިސްވެރިންގެ މަސްލަހަތު އޮތް ކުންފުނިތަކަށް ފައިސާ ދިނުމުގައި އަވަދި ނެތި އުޅޭކަމަށް ބުނެ އެއީ ވެރިކަމަށް އައި ބޭނުން ކަމަށް ވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

މި ސަރުކާރުން ބުނަމުން އަންނަނީ ނިމިގެންދިޔަ ސަރުކާރުން ތަރައްގީގެ މަޝްރޫތައް ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގެއްލުމުގެ ތެރެއިން ކަމަށެވެ. އަދި މި ސަރުކާރުން އެގޮތަށް ކަންކަން ނުކުރާނެ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންދާނި ޕްލޭން ކުރެވިގެން އެންމެ ފައިދާ ބޮޑު ގޮތަކަށް ކަމަށެވެ.