މި އަހަރު ތެރޭގައި 50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރައްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރެންދޫގައި އޮތް ކަހަލަ ރީތި ފުޓުބޯޅަ ދަނޑެއް އެޅުމަށް ގިނަ ރަށްރަށުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އަންހެން ބޭފުޅުން އެދިވަޑައިގަންނަވަނީ އައުޓްޑޯ ޖިމް ކަމަށާއި، އިރާދަ ކުރެއްވިއްޔާ މި އަހަރު 50 ވަރަކަށް ރަށުގައި އައުޓްޑޯ ޖިމް ގާއިމް ކުރެވޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ކުޅިވަރުގެ އިތުރުން މުޖުތަމައު ބާރުވެރި ކުރުމަށް ރަނގަޅު ޕްރޮގްރާމެއް ދަނީ އެކުލަވާލަމުން" މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

50 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރައްވާނެކަމަށް މަހުލޫފް ވިދާޅުވެފައިވާ އިރު، ކުރިޔަށް އޮތް ތަނުގައި 100 ފުޓްބޯޅަ ދަނޑު އެޅުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ދަނޑުތައް ބެލެހެއްޓުމަކީ އުދަނގޫ ކަމަކަށް ވެދާނެތީ ދަނޑުތައް ތަރައްގީ ކުރާނީ ޓާފްއަޅައިގެން ކަމަށާއި،ދަނޑު އަޅާނެ ރަށް ތައް ކަނޑައެޅިފައި ނުވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރުން ފުޓްބޯޅަ ދަނޑުތަކާ އަޅާ ނުލާ ދޫކޮށްލާފައި ވުމުން، ފުޓްބޯޅަ ދަނޑުތައް ވިނަވެ ހަލާކުވެފައި ވާކަން ފާހަގަ ކުރައްވާ މަހުލޫފް ވިދާޅުވީ ހަލާކުވެފައި ވާ ފުޓްބޯޅަ ދަނޑުތައް އިތުރަށް މަރާމާތުކުރައްވާނެ ކަމަށެވެ.