ރިޔާސީ ކެމްޕޭނުގައި ކުރި ވައުދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިދިކޮޅު ޕާޓީ ޕީއެންސީ ގޮވާލައިފިއެވެ.

ޕީއެންސީ މިގޮތަށް ގޮވާލާފައިވަނީ އެއްވެސް ހަމައަކަށް އުސޫލަކަށް ބެލުމެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާތަކުން ދަނީ ވަކި ކުރަމުންދާކަމަށް ބުނެ އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައެވެ.

ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައި ގަތުމަށްފަހު އެއްވެސް ހަމައަކަށް އުސޫލަކަށް ބެލުމެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކި ކުރާނެކަމުގެ ބިރު ދައްކާ، އެ ފަރާތްތަކުން ވަޒީފާ އަދާ ކުރާ ތަން ބަދަލުކޮށް އެތައް ބަޔަކަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

"މި ރަމަޟާން މަހުގެ ތެރޭގައިވެސް ކުންފުނިތަކުގައި މަސައްކަތް ކުރާ އެތަކެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ސަރުކާރުން މި ހިންގަމުންދާ އަނިޔާވެރި އަމަލު ޕީއެންސީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން" އެ ޕާޓީން ބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީން ބުނީ ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކީވެސް އާއިލީ ޒިންމާތައް އުފުލަމުންދާ މީހަކަށް ވީ ހިނދު، އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް ނިކަމެތިކޮށްލުމަކީ އެތައް އާއިލާއަކަށް އޭގެ ވޭނާއި ކެކުޅުން ތަހައްމަލް ކުރަން ޖެހޭނެ ކަމެއްކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށްއައީ "ކޮންމެ ޕާޓިއެއްގައި އުޅޭ ކޮންމެ ފިކުރެއް ކޮންމެ ކުލައެއް ރީތިވާ ބޭފުޅަކަށްވެސް ވަޒީފާގައި ހަމަޖެހިގެން އުޅެވޭނެ ކަމުގެ ޔަގީންކަން" އަރުވަމުން ކަމުން، ރިޔާސީ ކެމްޕޭނުގައި ކުރި ވައުދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް ރައީސަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެތައް ރަށަކުން ކަރަންޓުގެ ހިދުމަތް ކެނޑި، މި ރޯދަމަހު ރައްޔިތުން ކަނު އަނދިރީގައި ހޭދަކުރަން ޖެހުމަކީ މިސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ކަންކަން ކުރުމުގެ ގާބިލްކަން ނެތްކަމުގެ ހެއްކެއް ކަމަށް ޕީއެންސީން ބުނެއެވެ. އަދި މަހަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް އައިޖީއެމްއެޗްގެ އެމަޖެންސީގެ އޭސީތައް ހަލާކުވެ ހޫނުގަދަވުމުގެ ސަބަބުން ހިދުމަތް ހޯދާ ރައްޔިތުންނަށާއި ހާއްސަކޮށް ބަލިމީހުންނަށް ކުރިމަތިވެފައިވާ ތަކުލީފު ހައްލު ކުރެވިފައެއް ނުވާ ކަމާއި، މިކަންކަން ހައްލުކޮށް މިހާރަށްވުރެ ބޮޑަށް ސަރުކާރު ޒިންމާދާރުވެ، ހަރަކާތްތެރިވެ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަހުކޮށްދިނުމަށް ވީހާވެސް އަވަސް ސްޕީޑެއްގައި މަސައްކަތް ކުރުމަށް ސަރުކާރަށް ޕީއެންސީން ވަނީ ގޮވާލާފައެވެ.

އެޕާޓީން ވަނީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަށްޓަކައި ޕާޓިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.