ރޯދަމަހަށް ހާއްސަކޮށްގެން ލޯކަލް މާރުކޭޓުގައި ހުންނަ ތަކެތި ދިރާގު ޕޭ މެދުވެރިކޮށް ގަނެވޭނެ ކަމަށް އދިރާގުން ބުނެފިއެވެ.
ދިރާގުން ބުނީ އަދި ދިރާގު ޕޭ މެދުވެރިކޮށް ތަކެތި ގަނެވޭނީ މާރުކޭޓުގެ 6 ނަންބަރު ގޮޅިން އެކަނި ކަމަށެވެ. މީގެ އިތުރުން ދިރާގުން ވަނީ އަމީނީ މަގުގައި ހުންނަ މާރުކޭޓުގެ ގޮޅިޔަކަށްވެސް މި ހިދުމަތް ތައާރަފް ކޮށްފައެވެ.
ލޯކަލް މާރުކޭޓަށް ދިރާގު ޕޭ ތައާރަފް ކޮށްފައި ވަނީ ހާއްސަ ޕްރޮމޯޝަނަކާވެސް އެކުގައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ދިރާގު ޕޭ މެދުވެރިކޮށް 150 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް އެއް ކިލޯ ކަރާ ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ.
ދިރާގުން ބުނީ ދިރާގު ޕޭ އަކީ ފައިސާ ދެއްކުމުގައި ފަސޭހަ އަދި ރައްކާތެރި ގޮތެއް ކަމަށެވެ. އެގޮތުން ދިރާގު ޕޭ މެދުވެރިކޮށް ތަކެތި ބައްލަވައިގަތުމަށް ދިރާގު ޕޭގެ ކިއުއާރު ކޯޑް ސްކޭން ކޮށްލުމަށް ފަހު ފޮނުވާލުމުން މާޗެންޓުގެ އެކައުންޓަށް ފައިސާ ދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ޕޭ މެދުވެރިކޮށް ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތް ފަހި ކޮށްދެމުން ދާއިރު ޓެކްސީ ތަކަށާއި ހޮޓެލް ރެސްޓޯރެންޓު ފަދަ ތަންތަނުގައި ވެސް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކެއެވެ. ކުރިޔަށް އޮތް ތަނުގައި ދިރާގު ޕޭގެ ހިދުމަތް މިހާރަށް ވުރެ ފުޅާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.