މިއަހަރުގެ ރަމަޟާން މަސް ފެށުނު އިރު 40 އާއި 45 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބެން ހުރި ކަރާގެ އަގު ހަފްތާއެއްގެ ތެރޭގައި ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށުނުއިރު މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާއާއި 45 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް މިހާރު ކަރާ ކިލޯއެއްގެ އަގު ހުރީ 20 ރުފިޔާ އަށެވެ. ރަމަޟާން މަސް ފެށުނު އިރު ކަރާގެ އަގު މައްޗަށް ގޮސްފައި ވަނީ ތޮއްޑޫއިން މާލޭގެ ބާޒާރަށް ކަރާ ގެނައުމުގައި ދަތިތަކެއް ހުރުމުން ކަމަށް ވިރަފާރިވެރިން ވަނީ ބުނެފައެވެ.
ކަރާގެ އިތުރުން މާރުކޭޓުގައި ވިއްކާ އެހެނިހެން ތަކެތީގެ އަގުތައް ވެސް ވަނީ މިދިޔަ ރަމަޟާން މަހެކޭ އެއް އަގުތަކަކަށް މިހާރު ދަށަށް ގޮސްފައެވެ. އެގޮތުން ރަމަޟާން މަސް ފެށުނުއިރު 1200 ރުފިޔާއަށް ވިއްކި މިރުހުގެ އަގު މިހާރު ހުރީ ކިލޯއެއް 400 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގައެވެ.
އޭގެއިތުރުން ބާޒާރުމަތިން ވިއްކާ ބައެއް ތަކޭތީގެ އަގުތައް މިއަދު ހުރީ:
- ކުރުންބާ - 25 ރުފިޔާ
- ދޮންކެޔޮ ވަކެއް - 4 ރުފިޔާ
- މިންޓް ފަތްބޮނޑިއެއް - 10 ރިފިޔާ
- ކޮޕީ ފަތްބޮނޑިއެއް - 10 ރުފިޔާ
- އަނބު - 50 ރުފިޔާ
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މާރުކޭޓުގެ ގޮޅިތަކަށް މި އަހަރު އެންމެ ގިނަ އަދަދަކަށް ކަރާ ގެނެސްފައި ވަނީ އއ. ތޮއްޑޫއިންނެވެ. ރޯދަ މަސް ފެށިގެން އައި އިރު މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގުތައް އުފުލިގެން ދިއުމުގެ ސަބަބުން އަގު ދަށް ކުރުމަށް ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ވަގުތީ މާރުކޭޓްތަކެއް ހުޅުވާފައެވެ.