އިސްލާމިކް ސްޓޭޓް ފޮތް ފެނުމާ ގުޅިގެން ހައްޔަރު ކުރި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. އާދަމް މަނިކު (ފުނަމާ) އާއި ހަސަން މަނިކު (ބައިކެނޑި) ހައްޔަރުކޮށް ފުރަތަމަ ޖެހީ 13 ދުވަހެވެ. ނަމަވެސް މުއްދަތު ހަމަވެގެން މިހާރުވަނީ އިތުރު 7 ދުވަސް ޖަހާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރީ އިންޓަލިޖެންސް ކްލިއަރެންސް ނުލިބިގެންނެވެ. ރާއްޖޭގެ ހާރިޖިއްޔާއިން ބުނީ ބަންދުގެ މުއްދަތު އިތުރު ކުރި ދެމީހުނާއެކު ޖުމްލަ 5 މީހަކު ލަންކާގައި ބަންދުކޮށްފައި އެބަތިބި ކަމަށެވެ. އަދި އެ 5 މީހުން ހައްޔަރު ކޮށްފައި ތިބީ މިދިޔަ މަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާ ތަކާ ގުޅިގެން ނޫން ކަމަށެވެ.

ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާ ތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށް ގާނޫނު ތަކާ އުސޫލުތަކަށް ލަންކާއިން އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. ކަންފަތް ފޮރުވޭނެ ހެން މޫނު ބުރުގާ އެޅުން މަނާވެ، ރެސިޑެންޓް ވިސާ ދުރާލާ ހޯދަން ޖެހުންފަދަ ބަދަލުތައް ވަނީ ގެނެސްފައެވެ.