ކަނޑޫދޫ މިރުހުގެ ވާހަކަ ނޫން ވާހަކައެއް މިފަހަކަށް އައިސް ނީވެއެވެ. ކެފޭއަކަށް ވަދެ ކާ އެއްޗަކަށް އޯޑަރު ކުރީމައި ގެންނަ އެއްޗެއްގައި ކުޅި ރަހަ މަޑަސް ގެންނަން ބުނަނީ ކަނޑޫދޫ މިރުހެކެވެ. ވަރެއްގެ މިރުހެއްތާއެވެ!

މިއަދު ބާޒާރަށް ގޮސް އެބުނާ މިރުހެއް ބަލައިފީމެވެ. މާރުކޭޓުގެ އެއްވެސް ގޮޅިއަކުން ކަނޑޫދޫ މިރުހެއް ނޫން މިރުހެއް ނުފެނުނެވެ.

މާރުކޭޓުގައި މިދުވަސްކޮޅު މިރުހުގެ ތަދުކަން ފާހަގަ ވާއިރު ކަނޑޫދޫ މިރުހެއް ނޫން މިރުހެއް ލިބޭނެ ގޮތެއްވެސް ނުވިއެވެ. މާރުކޭޓު ގޮޅިތަކުން ކުރެ 7 ގޮޅިއެއްގައި ތިބި މީހުން ކުރެން، އެތާނގައި ވިއްކަން ހުރީ ކޮން ތަނެއްގެ މިރުހެއްތޯ އަހާލީމައި ބުނީ ކަނޑޫދޫ މިރުސް ކަމަށެވެ.

"ކޮއްކޯ ތި ހުސް ކަނޑޫދޫ މިރުސް، އެނޫން މިރުހެއް މިހާރު މިތާކު ނުހުންނާނެ" ގޮޅިއެއްގައި ހުރި ސޭޓަކު ބުންޏެވެ.

އަހަރެން އެވާހަކަ ސޭޓް ކައިރީގައި އެހި އިރު ކައިރީގައި ބާޒާރު ކުރަން ގޮސް ތިބި ހައެއްކަ މީހުންވެސް ތިއްބެވެ. އެމީހުން ސޭޓްގެ ވާހަކައަށް މަޖާޒީ ގޮތެއްގައި ބުނީ "އެއީ ތެދެއް މިހާރު މި މާރުކޭޓަކު އެނޫން މިރުހެއް ނުހުންނާނެ، މުޅިންވެސް ކަނޑޫދޫ މިރުސް" އެވެ.

ޖެހިގެން ހުރި ދެ ގޮޅިއެއް ވަރު ދޫކޮށްފައި ދެން ހުރި ގޮޅިއަށް ބަލައިލި އިރު އެތާނގައި ހުރީ ތަންކޮޅެއް ޒުވާން ކުއްޖެކެވެ.

"ކޮއްކޯ، މިވެސް ކަނޑޫދޫ މިރުސްތަ؟" އެ ކުއްޖާ ކައިރީ އަހައިލީމާ ބުނީ ހަމަ ކަނޑޫދޫ މިރުސް ކަމަށެވެ. އަހަރެން ހިތައް އެރީ އެހެންވިއްޔާ ކަނޑޫދޫ މިރުހަށް މިވާގޮތެއް ބަލަން ޖެހުނީތާއެވެ.

"އަޅެ މިރުހެއް ކާލަންތަ، ކުޅި ނުވެއްޖެއްޔާ ކިހިނެތް ހަދާނީ!" އަހަރެން އަހައިފީމެވެ. ޖަވާބުގައި އެ ކުއްޖާ ބުނީ "އަޅެ ކާލަ ބަލަ، ކުޅި ނުވެއްޖެއްޔާ މިރުހަށް އަގުދޭނެ ކަމެއް ނެތް" ކަމަށެވެ.

އަހަރެން ހިތައް އެރީ އެކުއްޖާ އެހާ ޔަގީން ކަމާއެކު ބުނާ އިރު އެ މިރުސް ކާލައިގެން އަނެއްކާ ކުޅިވެއްޖެއްޔާ ދެން އަހަރެން ހަދާނީ ކިހިނެތްބާއެވެ.

އެ ގޮޅި ދޫކޮށްލައި ދެތިން ހަތަރު ގޮޅިއެއް ބަލައިލި އިރު ހަމަ އެކަނި ކަނޑޫދޫ މިރުސްތޯ ޝައްކު އުފައްދަން ދޫކޮށްލައިފައި ހުރީކީ ނޫނެވެ. "މީ ކަނޑޫދޫ މިރުސް" ޖަހާ ލިޔެ ބޮޑެތި ބޯޑުވެސް ހުރީ މިރުސް ފޮށި ގަނޑުތަކުގައި ހަރުކޮށްފައެވެ.

ވަރެއްގެ މިރުހެއްތާއެވެ!. އަގު އަހާލި އިރު މިރުސް ކިލޯއެއް ހުރީ 1200 ރުފިޔާއަށެވެ.

އަހަރެން އަވަހަށް މާރުކޭޓުން ނުކުމެއްޖައީމެވެ.