ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލުވުމުގެ ހެޔޮ ނަސީބު ލިބިފައިވާއިރު، ތިބާގެ ދަރިފުޅަށް ރޯދަ ވާޖިބުވާ އުމުރާ ގާތްވެފައިވަނިކޮށް އެ ދަރިފުޅުވެސް ރޯދަ ހިފަން ބޭނުންވާ ވާހަކަ ބުނުމުން އެކަމާ އެންމެ ފުރަތަމަވެސް މާތް ﷲގެ ހަޟްރަތަށް ޝުކުރުވެރިވާށެވެ. އެއީވެސް ސޯލިހު ދަރިއަކު ބޮޑުކުރެވުމުންދާކަމުގެ ހެއްކެކެވެ.
ކިތަންމެ ޝައުގުވެރިކަމާއެކު ރޯދަ ހިފަން ދަރިފުޅު އަލަށް ފަށައިގަތް ނަމަވެސް، ވަކި ހިސާބަކުން ރޯދައާއި ދުރުވާ ގޮތް މެދުވެރުވާ ފަހަރު އާދެއެވެ. މިހެން ދިމާވަނީ، ރޯދަ ވާޖިބުވާ އުމުރަށް އަންނައިރުވެސް ރޯދައަކީ ކިހާ މުހިންމު ރުކުނެއްކަން ދަރިފުޅަށް ބުނެނުދެވި އޮތުމުގެ އިތުރުން، އެކަމަށް ދަރިފުޅު އަހުލުވެރިކުރެވިފައި ނެތުމުގެ ސަބަބުން ކަމުގައިވެސް ބުނެވިދާނެއެވެ.
މިހާ ހިސާބުން މިހިއްސާކޮށްލަނީ ރޯދަ ވާޖިބުވާ އުމުރަށް ދަރިފުޅު އަޅައިގެން އަންނައިރު، ރޯދައަށް އަހުލިވެރިކޮށް ރޯދައަށް ލޯބި ޖެއްސުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
-
ޕްރެކްޓިސް ނުވަތަ ފަރިތަކުރުވުން
ކޮންމެ ކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ފަރިތަކުރުންތަކަކީ ކޮންމެހެން ބޭނުން ކަމެކެވެ. ރޯދަ ހިފަން ފަރިތަ ކޮށްދިނުމަކީ ޅަ އުމުރުގައި މުޅި ރޯދަ ފުރިހަމަ ކުރުމަށް ކުއްޖާއަށް އެހީތެރިވެދޭ ކަމެކެވެ. މިކަންވެސް ކުރެވިދާނެ ކިތަންމެ ގޮތެއް އެބަހުއްޓެވެ. އެގޮތުން ހާރުކާން ހޭލައްވާ، ދަރިފުޅަށް އެކަށީގެންވާ އެއްޗެއް އެގަޑީގައި ދިނުމަށްފަހު، ހެނދުނުގެ ނާސްތާ ލަސްކޮށްލެވިދާނެއެވެ. އަދި ވަކި ވަރަކަށް ކުއްޖާ ހޭނުމުން ހެނދުނުގެ ނާސްތާ ނުދީ މެންދުރު ކާ ގަޑި ޖެހެންދެކަށްވެސް ބެހެއްޓިދާނެއެވެ. ނުވަތަ އެކުއްޖަކަށް ހުރެވުނު ހާ ގިނަ އިރެއް ވަންދެން ބެހެއްޓިދާނެއެވެ. ރޯދައަށް ހުންނަން ފަރިތަ ކުރާއިރު ދުވާލުގެ ވަގުތަކުގައި ހަރު އެއްޗިއްސާ، މެޓާ ޗޮކްލެޓް ފަދަ ކާތަކެއްޗާ ދުރުކުރުވުމަށްފަހު، ފެނާއި ޖޫސް ފަދަ ދިޔާ އެއްޗިހިވެސް ދެވިދާނެއެވެ. މުހިންމީ ރޯދަ ވާޖިބުވާ އުމުރަށް އަންނައިރު ދަރިފުޅު ރޯދަ މަތިން ފޫހިނުވާ ގޮތަށް މި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމެވެ.
-
އަމާޒުތަކެއް ކަނޑައެޅުން
މިކަން ކުރާނީ މައިންބަފައިންނާ ދަރިފުޅު އެކުގައި ތިބެ، މަޝްވަރާކޮށްގެންނެވެ. ރޯދައަށް ފަތިކުރުމަށްފަހު އެކުއްޖަކަށް ހިފޭނީ ކިހާ ރޯދައެއްކަން މައިންބަފައިންގެ އިތުރުން ޚުދު އެކުއްޖަކަށްވެސް އަންދާޒާކޮށްލެވޭނެއެވެ. މާ ބޮޑު ނޫން އަމާޒެއް ކަނޑައެޅުމަށްފަހު، މިސާލަށް ހަފުތާއަކު 2 ރޯދަ ފުރިހަމަ ކުރުމަށް އަޒުމު ކަނޑައަޅައިގެން އެ އަމާޒު ހާސިލުކުރުމަށް ދަރިފުޅަށް ހިތްވަރުދެވިދާނެއެވެ.
-
ހަދިޔާއެއް ދިނުން
ދަރިފުޅު ކަނޑައެޅި އަމާޒާ އެއްގޮތަށް މުޅި ދުވަހު ނުވަތަ ދުވަހުން ބައެއްގައި ރޯދަ ހިފާ ފުރިހަމަކޮށްފިނަމަ އެ ދަރިފުޅަށް ކުޑަ ހަދިޔާއެއްދޭށެވެ. މިސާލަށް ފުއްޕާހަމެއްގެ ތެރެއަށް ކުޑަ ހަދިޔާއެއްލުމަށްފަހު ދަރިފުޅަށް ފެންނާނެހެން އެ ހަން ބެހެއްޓިދާނެއެވެ. އަދި އަމާޒު ހާސިލުވުމުން އެ ހަން ފަޅާލައިގެން އެ ހަދިޔާ ނެގިދާނެއެވެ. މިގޮތަށް ހަދިޔާ ދީ ހެދުމުގައި، ރޯދައަކީ ދުނިޔޭގައި ލިބޭ މާއްދީ އެއްޗިހިތަކެއްކަކަށް ހެދުމުގެ ބަދަލުގައި، ރޯދައަކީ ﷲގެ ހަޟްރަތުން އެކުއްޖަކަށް ގިނަގުނަ ސަވާބު ލިބޭނެ ކަމެއްކަން އެކުއްޖެއްގެ އުމުރާ އެއްގޮތަށް ބަޔާންކޮށްދޭން ވާނެއެވެ.
-
ރޯދައަށް ހުރުމަކީ ޝައުގުވެރިކަމެއް ކަމުގައި ހެދުން
ރޯދަ ކުރުކުރުމޭ މިކިއާ ކަމަކީވެސް ރޯދައަށް ހުންނަން ފަރިތަކުރަމުންދާ ކުއްޖަކަށް މުހިންމު ކަމެކެވެ. އުމުރުން ދޮށީވަމުންދާ ވަރަކަށް ސަކަރާތާ މަޖަލުގެ ތެރެއިން ރޯދަ ކުރުކުރުމުގެ އާދަ ކަނޑުވާލަން އުނދަގޫވަނީ ޅަމުރުގައި އެކަމަށް މާބޮޑަށް ސަމާލުކަމެއް ނުދެވުނީމައެވެ. ގޭމު ކުޅުމާ ފިލްމު ބެލުން ފަދަ ކަންކަމުގައި ވަގުތުތައް ބޭކާރުކޮށްލުމުގެ ބަދަލުގައި އިލްމީ ކުޅިވަރުތަކެއްގެ ތެރެއިން ރޯދަކުރުކުރުމަށް ބާރުއެޅިދާނެއެވެ.
-
ގޭތެރޭގެ މަސައްކަތުގައި އެހީ ހޯދުން
ރޯދައާއި ގުޅިގެން އާންމު ދިރިއުޅުމުގެ އާދަތަކާ ގޭތެރޭގެ މަސައްކަތްތަކަށް ބަދަލު އަންނައިރު މިކަމުގައިވެސް ކުއްޖާ ބައިވެރިކުރުވުން މުހިންމެވެ. އެގޮތުން ހާރުކާ ގަޑިއާއި ރޯދަ ވީއްލާ ގަޑިއަށް ކާމޭޒުމަތި ތައްޔާރުކުރުމުގައި އުޅޭ މީހުންނަށް އެހީތެރިވުމަށް ކުއްޖާއަށް ދަސްކޮށްދެވިދާނެއެވެ. ނުވަތަ ރޯދަ ވީއްލާ ގަޑީގައި އެންމެނަށް ކަދުރު ބެހުން ފަދަ އާދައެއްވެސް ކުއްޖާގެ ގައިގައި އަށަގެންނެވިދާނެއެވެ.
-
ރޯދަވީއްލުމުގައި ބައިވެރިކުރުވުން
ދަރިފުޅު ހުރީ ރޯދައަށް ނޫންކަމުގައި ވީ ނަމަވެސް، ދަރިފުޅުގެ ރޭގަނޑުގެ ކެއުމަކީ އެހެން މީހުންގެ އިފްތާރު ގަޑީގައި ކާ ކެއުމަކަށް ހެދިދާނެއެވެ. އެގޮތުން ކާން ފެށުމުގެ ކުރިން ކަދުރެއް ދީ، ދުއާ ކުރުމަށް ދަރިފުޅަށް އާދަކޮށްދެވިދާނެއެވެ. މިހެން ކަން ކުރުމުން، ދެން އަންނަ ދުވަހަކުން ރޯދައަށް ހުރުމަށް އެ ދަރިފުޅުގެ ހިތުގައި ޝައުގުވެރިކަން އުފެދުމުގެ ފުރުސަތު ބޮޑެވެ.
-
ރޯދައިގެ މައުލޫމާތު ދިނުން
ރަމަޟާން މަހުގެ ރޯދައަކީ ހަގީގަތުގައި ކޮބާކަމާ، ރޯދަ ވެރިންނަށް ލިބޭ ދަރުމައާއި ސަވާބުގެ އިތުރުން ފަރުޟު އަޅުކަމަށް ފަރުވާކުޑަކުރާނަމަ ލިބިދާނެ ދެރައިގެ ވާހަކަ، އެ ދަރިފުޅުގެ އުމުރާ އެންމެ އެކަށީގެންވާ ގޮތަށް އަބަދުވެސް ދަރިފުޅަށް ކިއާދެމުންދާންވާނެއެވެ. އެންމެ ޅަ އުމުރުން ފެށިގެން މިފަދަ ކަންކަމަށް ލޯހުޅުވާ ނުދީ ބެހެއްޓުމަށްފަހު ކުށްލި ގޮތަކަށް އަޒާބާ ސަވާބުގެ ވާހަކަ ބަޔާންކޮށްދީގެން ދަރިފުޅަށް ނުތަނަވަސްކަމެއް ކުރިމަތިވެ ނުވަތަ ފޫހިވުން ފަދަ ކަމެއްވެސް ދިމާވެދާނެކަން ހަނދާނުގައި ބެހެއްޓުން ބުއްދިވެރިއެވެ.
-
ލާމަސީލު މިސާލަކަށްވުން
ބޮޑުވަމުން އަންނަ ކުދިންނަކީ އެކުދިންގެ ބޮޑަށް ތިބޭ މީހުންގެ އަމަލުތަކާ މިޒާޖު އިންތިހާއަށް ނަކަލު ކުރަމުންދާ މައުސޫމު ސިކުނޑިތަކެއްގެ ވެރި ބައެކެވެ. ވަކީން ހާއްސަކޮށް މައިންބަފައިންގެ އުޅުމާ، އަޚުލާގާ ސުލޫކަކީ ދަރިފުޅަށް ވާރުތަ ކޮށްފައި ހުންނަ ކަމަކާ އެއްވަރަށް ނަކަލުވެސް ކުރާ ކަންތައްތަކެވެ. އެހެންކަމުން ދަރިފުޅުގެ ކުރިމަތީގައި އެންމެ ފުރިހަމަ ނަމޫނާ ދެއްކޭ ތޯ އަބަދުވެސް ބަލަންވާނެއެވެ. ރަމަޟާން މަހަކީ ކިހާ ފުރިހަމަ މަހެއްކަން ތިބާގެ އުޅުމާ، އަޚުލާގާއި ބަސްމަގުން އެ ދަރިފުޅަށް ސާބިތުކޮށްދޭށެވެ.
-
ރަމަޟާން މަހުން ބޭރުން ރޯދަ ހިފުން
ރަމަޟާން މަހަށް ދަރިފުޅު ތައްޔާރު ކުރުވުމުގެ ގޮތުން އެހެން މަސްމަހުގައިވެސް ރޯދަ ހިފުމަށް ހިތްވަރު ދިނުމަކީ ކުރެވިދާނެ ކަމެކެވެ. އެގޮތުން ހޯމަ ބުރާސްފަތީގެ ސުންނަތް ރޯދައަށް އާއިލާގެ ގިނަ މެމްބަރުންތަކެއް ތިބޭއިރު އެ ދުވަސްތަކުގައި ރޯދައަށް ހުންނަ ފަރިތަކޮށްދެވިދާނެއެވެ.
-
އެންމެ ފުރިހަމަ ނުވިއަސް ރުޅި އިސް ނުކުރުން.
ކަނޑައެޅި އަމާޒާ އެއްގޮތަށް ނުވަތަ ބުނި ބުނުމަކާ އެއްގޮތަށް ދަރިފުޅަށް އަމަލު ނުކުރެވަނު ނަމަވެސް ދަރިފުޅަށް އަޑުލާ ނުހަދާށެވެ. ވީ ވަރަކުން ދަރިފުޅާ މަޝްވަރާކޮށް، އެ ދަރިފުޅަށް ހާސިލުވާނެ ކަމަށް ބެލެވޭ ކަންކަމާ، ހާސިލުނުވާ ކަންކަމަކީ ކިބައިތޯ ބަލާ، އެކަމެއް އެ މެދުވެރިވަނީ ކީއްވެތޯ ބަލާ، އެކަން ހައްލު ކުރެވިދާނެއެވެ. މުހިންމު ކަމަކީ ރޯދަ ހިފުމަކީ ނުވާނެ ކަމެއްކަމުގެ އިހުސާސް ކުޑަކޮށްވެސް ވިޔަ ނުދިނުމެވެ. އަދި ރޯދަ މަތިން ދަރިފުޅު ފޫހިވެދާނެފަދަ ކަމެއް ނުކޮށް ވޭތޯ ބެލުމެވެ.