ކަނޑޫދޫ މިރުހުގެ އަގު މި ހަފްތާތެރޭގައި 3 ވަނަ ފަހަރަށް ބޮޑުކޮށްފިއެވެ. ކަނޑޫދޫ މިރުސް އެންމެ ފުރަތަމަ ހުރީ ކިލޯއެއް 800 ރުފިޔާގައެވެ. ދެން ބޮޑުކޮށްފައިވަނީ 1000 ރުފިޔާ އަށް މިރުސް ކިލޯއެއްގެ ރޭޓުންނެވެ. މިހާރު މިރުސް ކިލޯއެއް ހުރީ 1200 ރުފިޔާގެ ރޭޓުންނެވެ.

މާރުކޭޓުގެ ވިޔަފާރިވެރިން ބުނާގޮތުގައި މިރުހުގެ އަގު މިހާބޮޑަށް އުފުލިފައި މިވަނީ ކަނޑޫދޫ މިރުސް ލިބުން ދަތިވާތީއެވެ. ކަނޑޫދޫ މިރުސް ލިބުމަށް ދަތިވަނީ ހޫނު ގަދަ ވުމުގެ ސަބަބުން މިރުސް ގަސްތައް ހަލާކު ވުމުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. މީގެ އިތުރުން ކަނޑޫދޫ މިރުސް ގަސްތަކުގައި ބައްޔެއް ހުރުމުން މިރުސް ހަލާކުވަމުން ދާކަމަށްވެސް ބައެއް ފަރާތަކުން ބުނެއެވެ.

ކަނޑޫދޫ މިރުސް ވިއްކަނީ / ފޮޓޯ: ދަ ޕްރެސް

ކުރިޔަށް އޮތް ތަކުގައި މިރުސް ނުލިބިއްޖެ ނަމަ މިހާރަށް ވުރެވެސް މިރުހުގެ އަގު އުފުލިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް މާރުކޭޓުގައި ތަކެތީގެ އަގު ބޮޑު މަހެކެވެ. ނަމަވެސް މިއަރު ރަމަޟާން މަހާ ދިމާކޮށް އެހެން އަހަރުތަކާ ހިލާފަށް ރޯދަ މަހު އެންމެ ގިނައިން ބޭނުން ކުރާ ބާވަތްތައް ކަމުގައިވާ މިރުސް، ކަރާ އަދި ކުރުނބާގެ އަގުތައް ވަނީ އުފުލިފައެވެ.