ރޯދަ މަހާ ދިމާކޮށް މާރުކޭޓުގައި ކަރާގެ އަގު އުފުލިފައި ވާކަމަށް ވިޔަފާރިވެރިން މައުލޫމާތުދެއެވެ. މީގެ 3 ދުވަހާ އަޅާ ބަލާއިރު ކަރާކިލޯއެއްގެ އަގު 15 ރުފިޔާ ވަނީ ބޮޑުވެފައެވެ. މިހާރު ކަރާ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާއާ 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ވިޔަފާރިވެރިން ބުނަނީ ކަރާގެ އަގު އުފުލެމުން ދަނީ އެންމެ ގިނައިން މާރުކޭޓަށް ކަރާ ގެންނަ ރަށް ކަމުގައިވާ ތޮއްޑޫއިން ކަރާ ގެނައުމުގައި ހުރި ދަތި ތަކެއްގެ ސަބަބުން ކަމަށެވެ.

ބޭރުގެ ކަރައާއި ރާއްޖޭގެ ކަރާގެ އަގުވެސް މާރުކޭޓުގައި ހުރީ އެއް އަގުތަކެއްގައެވެ. ރޯދަމަސް އައުމުގެ ކުރިން ވިޔަފާރިވެރިން ވަނީ މިފަހަރު ރޯދަމަހުގައި އެއްވެސް ބާވަތެއްގެ އަގު މާ ބޮޑަށް އުފުލިގެން ނުދާނޭ ކަމަށް ބުނެފައެވެ. ނަމަވެސް މިރުހާއި ކުރުނބާގެ އަގުވެސް މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެންމެ ގިނައިން ރޯދައަށް މިރުސް ގެންނަ ރަށް، ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1000 ރުފިޔާ އާ ހަމަޔަށް އަރައިފައި ވާކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއެވެ.