ދިވެހިންގެ ތެރޭގައި ރޯދަމަހަށް ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން މާހެފުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކު ގޭގައި ކުލަލުމާއި ދޮންވެލި ލުމާއި، ފަރުނީޗަރު ބަދަލުކޮށް ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުތައް އާކޮށްލައި ގެދޮރު ޒީނަތްތެރިކޮށްލައެވެ. ރޯދައަށް ބޭނުންވާނެ ސަމާނުތައް ގަނޑުކޮށް ގަނެ އެ މަހަށް ތައްޔާރުވެ ނިމުމާ އެކު އާއިލާ އަދި ރައްޓެހިނަންނާއެކު މާހެފުމެއް ބާއްވާލުމަކީ ދިވެހިންގެ ސަގާފަތެކެވެ.

ޒަމާނުއްސުރެ ފެށިގެން ރޯދަމަހަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރޭގައި މާހެފުމަކީ ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރާ ކަމަކަށް ވަނީ ވެފައެވެ. މާހެފުމުގެ ސީޒަން ނިމުމަކަށް އަންނަން ގާތްވެފައިވާ އިރު ގިނަ ބަޔަކު ވަނީ މާހެފުންތައް ބާއްވާ ނިންމާލާފައެވެ. އާއިލާތެރޭގައި އަދި ސްކޫލްތަކުގައި މާހެފުން ބާއްވާއެވެ. އޮފީސްތަކުގައި އަދި އަވަށްޓެރިންގެ މެދުގައި މާހެފުން ބާއްވައެވެ. މާހެފުމުގެ ގޮތުން ބޮޑެތި ކެއުން ކައްކައިގެން ކުރިއަށް ގެންދާއިރު އަނެއް ބަޔަކު މާހެފުމަކަށް މަސް ދަތުރެއް ރާވާލައެވެ. އަދި ބާބަކިއު ހެދުމާއި ދަތުރު ދިއުން ފަދަ މަޖަލުގައިވެސް މާހެފުން ކުރިއަށް ގެންދާ ފަރާތްތައްވެސް މަދެއް ނޫނެވެ.

މި ދުވަސްކޮޅު ސޯޝަލް މީޑިއާގެ މުޅިންހެން ދައުރުވަމުން ދަނީ މާހެފުމުގެ ފޮޓޯތަކެވެ. ސުފުރާ މައްޗަށް އެތައް ބާވަތެއްގެ ކާއެއްޗެތި އަރުވާފައި ނަގާފައިވާ ހިތްގައިމު ރީތި ފޮޓޯތަކެވެ. އަވެލި، ކުޅި ފާރޮށި، ފޮނި ފާރޮށި، ބޮނޑިބަތާއި ކުޅިމަހާއި، މަސްކުރޮޅިއާ، ފިހުނު މަހާއި، މާފުށް އަދި ވެސް އެތައް ބާވަތުގެ ކެއުންތައް ހިމެނެއެވެ.

އެގޮތުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންވެސް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މާހެފުންތައް ބާއްވަމުން ދެއެވެ.

ރޯދައަށް ހާއްސަ މާހެފުމަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ދިރިއުޅޭ ދިވެހިންނަށް ވަނީ ބާއްވާފައެވެ. ހަމަ އެއާއެކު އަވައްޓެރި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބެސެޑާ އައިޝަތު މުހައްމަދު ދީދީ ވަނީ އިންޑިއާގެ ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަ މާހެފުމެއް ބާއްވާފައެވެ.

މީގެ އިތުރުން މިއަދު ހަވީރު އިންޑިއާގެ ތިރުވަނަންތަމްޕޫރަމްގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓުގައިވެސް ހާއްސަ މާހެފުމަށް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރާ ދިވެހިންނާ އެކޮޅުގައި ދިރިއުޅޭ ދިވެހި އާއިލާތަކާއެކު ވެސް ހާއްސަ މާހެފުމެއް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން މެލޭޝިއާގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ހާއްސަ މާހެފުމެއް ބޭއްވުމަށް މިއަދު ހަވީރު ވަނީ ހަމަޖެހިފައެވެ.

ނަމަވެސް ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އެއް ގައުމު ކަމަށްވާ އަވައްޓެރި ސްރީލަންކާގައި މިފަދަ މާހެފުމަށް ބާއްވާ ކަމުގެ ހަބަރެއް އަދި ނުލިބެއެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި މިފަދަ އެއްވުމެއް ނުބާއްވާތީ ސޯޝަލް މިޑިއާގައި ގިނަ ބަޔަކު އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެހެން އަވައްޓެރި ގައުމުތަކުގައި މާހެފުން ފަދަ ކަން ކަން ކުރިއަށް ގެންދާ އިރު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިފަދަ ކަމެއް ފާހަގަ ނުކުރާ ޝަކުވާތައް އާންމުން ކުރަމުން ދެއެވެ.

މި ދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު މުސްލިމުންނަށް އެކިވަރުގެ އުނދަގޫތައް އެ ގައުމުގައި ކުރިމަތިވަމުން ދެއެވެ. އެގޮތުން ބައެއް ފިހާރަތަކަށް ބުރުގާ އަޅައިގެން ވަނުމުގެ ދަތިކަން ފާހަގަވެފައި ވާއިރު މުސްލިމުންނާ ދިމާއަށް ދިއްކުރާ އިނގިލި ދިވެހިންނާ ދިމާއަށް ދިއްކުރާކަންވެސް ވަނީ ފާހަގަވެފައެވެ. ބޮމުގެ ހަމަލާތަކަށް ފަހު ލަންކާގައި ދިރިއުޅޭ ދިވެހިން ތިބީ ހާސްކަމެއްގެ ތެރޭގައެވެ. އެހެންކަމުން ރޯދައާ ދިމާކޮށް ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން ރާއްޖެއަށް ބަދަލުވަމުން އެބަދެއެވެ.