އަބަދުވެސް ދެކޭގޮތުގައި ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ޕީޕީއެމުން އަދި ޕީއެންސީން ބުނެފިއެވެ.

މި ދެ ޕާޓީން މިހެން ބުނީ، މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ނޫސް ބަޔާނުގައެވެ. އެގޮތުން ޕާޓީތަކުން ވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށާއި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ރައްދުކޮށްފައެވެ.

އެގޮތުން، ޕީޕީއެމުން ބުނީ ނޫސްވެރިންނަކީ މިނިވަން މާހައުލެއްގައި މަސައްކަތް ކުރަން ޖެހޭނެ ފަރާތްތަކެއް ކަމަށް އެ ޕާޓީއިން އަބަދުވެސް ދެކޭކަމަށެވެ. އަދި ނޫސްވެރިންނަށް ހަމަހަމަ އަދުލުވެރި ފުރުސަތުތަކެއް ފަހިކޮށް ދިނުމަށްޓަކައި އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. އަދި އެ ޕާޓީގެ އެއް އަމާޒަކީ ދިވެހި ނޫސްވެރިންނަށް އިންސާފުވެރިކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުން ކަމަށާއި ތަފާތު ކުރުމެއްނެތި ދިވެހި އެންމެހާ ނޫސްވެރިންނަށް އެ ޕާޓީއިން އެއްބާރުލުން ދޭނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

މީގެ އިތުރުން ޕީއެންސީން ބުނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ކުރަނީ ވަރަށްވެސް މަސްއޫލިއްޔަތު ބޮޑު، ބުރަ މަސައްކަތެއް ކަމަށެވެ. އަދި ނޫސްވެރިންގެ މި ޒިއްމާ ފުރިހަމައަށް އަދާކުރެވޭނީ ފާރަވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށާއި ޒިއްމާދާރު ނޫސްވެރިކަމަކީ މި އަސާސްތަކުގެ ތެރެއިން ރައްޔިތުންނަށް ދެފުށްފެންނަ ތެދު މައުލޫމާތު ގެނެސްދިނުން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

ޕީއެންސީން ވަނީ ޓެކްނޮލޮޖީގެ ފަހިކަމާއެކު ރާއްޖޭގައި ނޫސްވެރިކަން ފުޅާވަމުންދާ ކަމަށާއި ނޫސްވެރިކަމުގެ ދާއިރާއަށް ނިކުންނަ ފަރާތްތަކުގެ އަދަދުވެސް އިހުނަށްވުރެ އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ. ހަމައެއާއެކު ޒިއްމާދާރުކަމާއެކު ހަބަރާ މައުލޫމާތު ފެތުރުމުގައި ފުރިހަމަ ވަސީލަތްތަކާއި ތަމްރީންގެ މުހިއްމުކަން ބޮޑު ކަމަށާއި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިކަމުގެ ތަމްރީނާއި ތަރުބިއްޔަތު ދިނުމަކީ އިސްކަމެއްގެ ގޮތުގައި ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އެ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.