އާދިއްތަ ދުވަހު ބާއްވާ ސިފައިންގެ ތަމްރީނުތަކުގައި ހަތިޔާރާއި ގޮވާ ތަކެތި ބޭނުން ކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ތަމްރީނުތަކެއް މާދަމާ މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ބެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަންނަ އާދިއްތަ ދުވަހު ހެނދުނު އަށަކުން ހަވީރު ފަހަކަށް ބާއްވާ މި ތަމްރީނު ތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ވަނީ މި ވާހަކަ އިއުލާން ކުރުމަށްޓަައި ލިއުމެއް ގެޒެޓް ކޮށްފައެވެ. މި ތަމްރީނު ތަކުގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަކީ އެއްވެސް ރައްޔިތަކު ބިރު ގަންނަން ޖެހޭ ކަމެއް ނޫނެވެ.

އަވައްޓެރި ސްރީ ލަންކާއަށް މިދިޔަ މަހު 21 ގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، ރާއްޖޭގެ ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.