މިއަދު ހުކުރުން ފޭބި ވަގުތު ދިމާވި ރައްޓެއްސަކު ބުނީ "ކޮބާ މިހާރު ކަލޭމެނަށް ބޭނުން އެއްޗެއް ލިޔެވޭނުން، ނޫސްވެރިކަން މިނިވަން ވެއްޖެނުން" އެވެ. ޖަވާބުގައި އަހަރެން ބުނީ ބޮޑު ތަނުން މިނިވަން ވެއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އެހެނަސް އަދިވެސް "ހިމުން ކޮށްލަން ޖެހޭ" ކަންކަން އެބަހުރި ކަމަށެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ނޫސްވެރިންނަށް ދަންނަވަމެވެ. މިއަދު ދިވެހި ނޫސްވެރިންނަށް މިނިވަން ކަމުގެ އިހުސާސް ކުރެވޭނެއެވެ.

ދެހާހުގެ ކުރީ ކޮޅުގައި ނޫސްވެރިކަމަށް މިރާއްޖޭގައި އޮތް ގޮން ޖެހުމުގެ ހަނދާން ގިނަ ބަޔަކު ނުހުރެދާނެއެވެ. އޭރެ ދުލާއި ގަލަމުގެ މިނިވަން ކަން ހިފަހައްޓާފައި އޮތް މިންވަރާ މައުލޫމާތު ހޯދާ ލިބިގަތުން ކޮންޓްރޯލް ކޮށްފައި އޮތް މިންވަރު ހަދާނުގައި ނުހުރެދާނެއެވެ. އޭރު ހިޔާލުފާޅު ކުރުން ހިފެހެއްޓިފައި އޮތް ގޮތުން ނޫސްވެރިންގެ މައްޗަށް ދައުވާ ކުރުމާ، އަބުރުގެ ގޮޅިއަށް ފެއްތުމަކީ ފަސޭހަ ކަމެކެވެ. އެމިނިވަންކަމުގެ ތެރެއިން ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރުމަށް އުފަންވެގެން އައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އުފަން ކުރުމުގައި އަޅުގަނޑު ބައިވެރިވީ އެހެންވެއެވެ.

އެމްޖޭއޭގެ ފަރާތުން ރައީސް ނަޝީދު އަދި ނަޝީދުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރަނީ

ރާއްޖޭގެ ހުރިހާ މީޑިއަމެއްގެ މެންބަރުން ހިމެނޭ ގޮތުން އެންމެ ފުޅާ ދާއިރާއެއްގައި މިނިވަން ނޫސްވެރިކަމަށް މަސައްކަތް ކުރި ހަމަ އެކަނި ޖަމްއިއްޔާއަކީ އޭރު އެމްޖޭއޭއެވެ. ނޫސްވެރިންގެ ހައްގުގައި ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުގެ ވެރިންގެ އިތުރުން އިތުރުން ބޭރުގެ އެކިއެކި ފަރާތްތަކާ ބައްދަލުކޮށް ނޫސްވެރިކަމުގެ ހާތަލު އޮޅުންފިލުވައި ދެވިފައި ވާނެއެވެ. "އަބުރާ ބެހުން މަދަނީ ކުށަކަށް" ބަދަލު ކުރުމުގައި މަޖިލީސް މެންބަރުންގެ އެއްބާރުލުން ހޯދުމަށް އޭރު ކުރަން ޖެހުނީ ބުރަ މަސައްކަތެކެވެ.

އެމަސައްކަތް މާޒީ ވީ ނިމިދިޔަ ސަރުކާރުގައެވެ. ނިމިދިޔަ ސަރުކާރުން އިހު އޮތް ގޮތަށް އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދިއެވެ. މައުލޫމާތު ހޯދާ ލިބިގަތުން "ހަނި" ކުރިއެވެ. ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްދިނުމައި ހިފެހެއްޓުންތައް ގެންގުޅުނެވެ. އަދި އަބުރުގެ ދައުވާ މިލިއަނުން ކޯޓުތަކުގައި އުފުލުން ވެގެން ދިޔައީވެސް ގޮން ޖެހުމަށެވެ. 'އަބުރު ފަންޑު' ހަދަން މަޖުބޫރުވި ސަބަބަކަށެވެ. ނޫސްވެރިކަމަށް ކުރިމަތިވި ބިރުވެރިކަމުގައި ގިނަ ނޫސްވެރިން ގަލަން ބޭއްވިއެވެ. 'ސައިލެންޓް' ވިއެވެ. އޭގެ މައްޗަށް ބިރުވެރިކަން އިންތިހާއަށް ބޮޑުވި އަނެއް ކަމަކީ ނޫސްވެރިއަކު ގެއްލުވާލުމާ ނޫސްވެރިއަކު މަރާލުމެވެ. މިކަމުގެ ހަގީގަތް އަދިއަދަށް އައި އިރުވެސް ހޯދިފައި ނެތުމަކީ އެބިރުވެރިކަން އަދިވެސް އޮތްކަން ރަމްޒުކޮށްދޭ ކަމެކެވެ.

މިއަދު ދިވެހި ނޫސްވެރިން ހަށިފޮޅާ ތެދުވާއިރު އަދިވެސް ހިމުން ކޮށްލަން ޖެހޭ ބައެއް ކަންކަން ހުރީ ހުރި ގޮތަށެވެ. އޭގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. ދައުލަތާ ސަރުކާރުން ހިންގާ އެކިއެކި މަޝްރޫއުތަކާ، ދައުލަތުގެ ތިން ބާރުގެ ވެރިން ކުރައްވާ އެކިއެކި ކަންކަމުގައި ހުރިހާ މީޑިއާ އަކަށް ފުރުސަތު، ހަމަހަމަކޮށް ނުދެވުމެވެ. ބައެއް މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށް ދިނުމައި ބައެއް ނޫސްތަކަށް އިސްކަން ދިނުމެވެ. މައުލޫމާތު ހޯދަން ނޫހަކުން ގުޅީމައި އެ ނޫހަކަށް މައުލޫމާތު ނުދީ، އެ މައުލޫމަތު ދޭ މީހާ ނުވަތަ އޭނާ ބޭނުންވާ ނޫހަކަށް މައުލޫމާތު ދިނުމެވެ. ރައްޓެހި މީހާ ނުވަތަ ދަންނަ މީހާ ހުންނަ ނޫހަށް މައުލޫމާތު ދިނުމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް މި ތަފާތު ކުރުންތައް ގެންގުޅުމެވެ. މިއީ ހިމުން ކޮށްލަނިކޮށް ހައްލުވާން ހުރި ކަންކަމެވެ.

މިއަދު ނޫސްވެރިކަމަށް އައި ފެހި އީދުގައި އެތައް ބައިވަރު ނޫސްތަކެއް ހިންގަމުން ދާއިރު، ސަރުކާރުގެ މުއަައްސަސާތަކާ ކުންފުނިތަކުން ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހެއެވެ. ބޮޑު ނޫސް، ކުޑަ ނޫސް ނުކިޔައި ހަމަހަމަ ކަމާއެކު މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. ބޮޑު ނޫސް ބޮޑު ވި ގޮތަށް ކުޑަ ނޫސް ބޮޑުވާނީ އޭރުންނެވެ.